އަނބިމީހާވަނީ ނިޔާވެފައެވެ. އޭނާއަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. ފައިގަ މައްސަލައެއް ހުންނާތީ ނުކުޅެދޭ ކުއްޖެކެވެ. ދިރިއުޅޭތަނުން ނުކުމެގެންދަމުން ދަރިފުޅު މަގުމައްޗަށް ދޫކޮށްލިއެވެ. ބުނީ ކުލިދައްކައިގެން ނުއުޅެވޭނެ ކަމަށެވެ. އުޅޭނެ ގޮތެއް އަމިއްލައަށް ހޯދައިގެން އުޅުމަށެވެ. އެހެން ބުނެފައި ކާރަށް އަރައިގެން ދިއައީ ލޯބިވެރިޔާގެ ގެއަށެވެ. ގެއަށްގޮސް ލޯބިވެރިޔާއާއިއެކުގައި އުޅެން ފެށީއެވެ.
ފުރޮޅުލީ ގޮނޑީގައި ދަރިފުޅު ރޯން އިންދައި މުސްކުޅި ޢުމުރުގެ އަންހެނަކު އައިސް ބުނީ ބައްޕަ ދަމުން ދެއްކި ވާހަކަ އަޑުއިވުނުކަމަށެވެ. އޭނާއަކީ ދަރިއަކު ނެތް، ފިރިމީހާ މަރުވުމުން އެކަނި ދިރިއުޅޭ އަންހެނަކު ކަމަށެވެ. ގެއަށް ގެންގޮސްގެން ގެންގުޅެން ބޭނުން ކަމަށެވެ.
އެއީ ތަނަވަސް އަންހެނެކެވެ. އޭނާއަށް އެއަންހެންކުއްޖާގެ ބޭނުން ވަރަށް ބޮޑުވިއެވެ. އެއީ އޭނާއަކީ ނުކުޅެދޭ ކުއްޖަކުނަމަވެސް ހިސާބު ބަލަހައްޓަން މޮޅު ކުއްޖެއް ވީމައެވެ. އެކުގައި އުޅެމުންގޮސް އިތުބާރު ހިފުމުން އަންހެން މީހާގެ ތަނަވަސްކަން އެކުއްޖާއަށް ވާރުތަކޮށްދިނެވެ. ކުރި ހަމައެކަނި ޝަރުޠަކީ މަރުވަންދެން އޭނާ ބަލަހައްޓައި ދިނުމެވެ.
އެހިސާބުން އަންހެން މީހާގެ ވިޔަފާރި ބަލަހައްޓަން ފެށިއެވެ. އޮފީހަށް ގޮސް މަސައްކަތްކުރަން ފެށިއެވެ. ރަނގަޅު މީހަކާއި ބައްދަލުވުމުން ކައިވެނިކުރިއެވެ.
5 އަހަރު ފަހެވެ. ވަޒީފާއަކަށް ހުޅުވައިލުމުން ވަޒީފާ ހޯދަން އައި އެކަކީ ބައްޕައެވެ. އެއިރު ހުރީ ވަޒީފާ ގެއްލި ފަޤީރުވުމުން ލޯބިވެރިޔާވެސް ގެއްލިފައެވެ. އުޅޭތަނުގެ ކުލި ނުދެއްކިގެން މަގުމައްޗަށް ނުކުންނަން ޖެހިފައެވެ.
ދަރިފުޅު ބައްޕައަށް ވަޒިފާއެއް ދިނެވެ. ނަމަވެސް ދުރު ސިޓީއަކުންނެވެ. ބުނީ ބައްޕަ އާއި ގިނައިން ބައްދަލުވާން ބޭނުން ނޫންކަމަށެވެ. ނަމަވެސް ހެޔޮކޮށް ހިތާނެ ކަމަށެވެ. ކާފަދަރިފުޅު ދެކެލަން ބޭނުން ކަމަށް ބުނުމުން ބުނީ އަމިއްލަ ދަރިފުޅު ދެކެން ބޭނުންނުވި މީހަކު ކާފަދަރިން ދެކެން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.
މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. އަޅުގަނޑަކީވެސް ބައްޕަ އަޅައިނުލުމުން ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހުނު އަންހެނެކެވެ. ހެޔޮލަފާ މީހަކާއި ކައިވެނިކުރެވެންދެން އުޅުނީ ވަރަށް ނިކަމެތި ޙާލުގައެވެ. ފިރިމީހާގެ ތަނަވަސްކަން އެނގުމުން މިހާރު ވަރަށް ލޯބިވެއެވެ.
އުންމީދުކުރަނީ އެފަދަ ބައްޕައިންނަށް މިޙާދިސާއިންވެސް ފިލާވަޅެއް ލިބި ވިސްނައިލާނެ ކަމަށެވެ.
- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ