ޒަވާޖީ ޙަޔާތެއް ފަށައި ދަރިން ލިބޭފަހުންވެސް އަނެކާގެ އެއްވެސް ކުށެއް ނެތިވެސް ކައިވެނި އެބަރޫޅައިލައެވެ. ގިނަ ފަހަރު އެގޮތަށް ކަންތައް ކުރެވެނީ ބައްދަލުވި ކޮންމެވެސް މީހަކު ދައްކާ ހުވަފެންތަކަށް ހެއްލެވި މާރަނގަޅު ގޮތް މެދުވެރިވެދާނެކަމަށް ނުވަތަ މާއުފުލަގައި އުޅެވިދާނެކަމަށް ވިސްނައިގެންނެވެ.
މިބުނި ޙާލަތުގައި އެކަމުން އަނިޔާ ލިބުނު މީހާއަށް ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހެއެވެ. ގިނަފަހަރު އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ ހެޔޮލަފާ އަނބިންނަށެވެ. އެއީ ދަރިންގެ ޒިންމާވެސް އެކަނި އުފުލަންޖެހޭތީއެވެ.
އަހުރެން މިއުޅެނީ އަންހެނުން ނުވަތަ ފިރިހެނުން ރަނގަޅުކުރާކަށް އަދި ގޯސްކުރާކަށްވެސް ނޫނެވެ. މިބުނިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް ބުނެދޭށެވެ. އެގޮތަކީ މާޒީން ކުރެވުނު ތަޖުރިބާއަކީ ލިބުނު އަގުހުރި ފިލާވަޅެއް ކަމަށް ބަލައި ވިސްނުން އިސްކޮށްގެން އަވަހަށް ދެވަނަ ކައިވެނިކުރުމެވެ.
މިފަދައިން ދުޢާވެސްކުރާށެވެ! "ޔާ ﷲ! މިއަޅާގެ ކުރީގެ ޙަޔާތުގެ ކަންކަންވެސް ނިމިދިއައީ މިއަޅާއާއިމެދު އިނބަ ﷲ މިންވަރު ކުރެއްވެވި ގޮތަށެވެ. މިއަޅާ އިނބަ ﷲ ގެ ޙަޟްރަތަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރަމެވެ. ވަކީލްކުރަމެވެ. އިނބަ ﷲ ގެ ރަހްމަތަށް ޝުކުރުވެރިވުންމަތީގައި ހުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން
އިތުބާރުކުރާށެވެ! ޔަޤީންވެސް ކުރާށެވެ! ހިތުގެ އިޚްލާޞްތެރިކަމާއިއެކު މިމަގުން ދުޢާކުރުންމަތީގައި ހުރި މީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. އެއީ ހިތްދަތިޙާލުގައިވެސް ޝަކުވާނުކުރީތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިނުލީތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން