މާފުށީ ހިއްކި ސަރަޙައްދާއި ރަށް ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މާފުށީ ހިއްކި ސަރަޙައްދާއި ރަށް ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ކާފު އަތޮޅު މާފުށީގެ ބިން ހިއްކި ސަރަޙައްދާއި އެ ރަށުގެ މައި ބަޔާ ގުޅާލުމަށްޓަކައި ތަރައްޤީކުރާ 138 މީޓަރުގެ ދިގު ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސައިޓް މިހާރު ވަނީ މޮބިލައިޒްކޮށްފައެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖު ހެދުމަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން 138 މީޓަރުގެ ބްރިޖެއް ތަރައްޤީކުރުމުގެ އިތުރުން، އެ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން 80 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި ރަށް ބްރިޖަކުން ގުޅާލުމަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި، ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ފަހިކަމެއްގެ ގޮތުގައި ބެލެވެއެވެ. މި މަސައްކަތް ނިމުމުން، ހިއްކި ސަރަޙައްދު ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން