މިދިޔަ ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 325 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 5.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި ހަމަ މި މުއްދަތުގައި ރާއްޖެއިން ބޭރަށް 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ހިސާބުތަކުން އެނގެއެވެ.
ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކަށެވެ. އެގޮތުން 1.14 މިލިޔަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން މެޝިނަރީއާއި ކަރަންޓް ސާމާނަށް 992 މިލިޔަން ރުފިޔާ، ފިއުލް ނުވަތަ ތެލުގެ ބާވަތްތަކަށް 890 މިލިޔަން ރުފިޔާ، އަދި ކެމިކަލްގެ ބާވަތްތަކަށް 300 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ހިލަ އާއި ހިލަވެލީގެ ބާވަތްތަކަށް 135 މިލިޔަން ރުފިޔާ އަދި ވެހިކަލްއާއި ވެހިކަލްގެ ބާވަތްތަކަށް 82 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 943 މިލިޔަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އޮމާންއިން 766 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީން 688 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ.
އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 121 މިލިޔަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން ގްރޭޓް ބްރިޓެއިންއަށް 33 މިލިޔަން ރުފިޔާ، ފްރާންސަށް 8 މިލިޔަން ރުފިޔާ، ބަންގްލަދޭޝްއަށް 7 މިލިޔަން ރުފިޔާ އަދި އިންޑިއާއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
ޑިސެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ މަހުގެ ބާވަތްތަކެވެ. އެގޮތުން 90 މިލިޔަން ރުފިޔާގެ ފިނިކުރި ކަނޑުމަސް ބޭރުކޮށްފައިވެއެވެ. މީގެ އިތުރުން ދަޅުގައި ބަންދުކޮށްގެން 39 މިލިޔަން ރުފިޔާގެ މަހުގެ ބާވަތްތަކާއި، 32 މިލިޔަން ރުފިޔާގެ ފިނިކުރި ރީނދޫ އުރަހަ ކަންނެލި ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި އިންސާނުން ކެއުމަށް ބޭނުންކުރަން ކަމުނުދާ، މަހުން އުފައްދާފައިވާ 8 މިލިޔަން ރުފިޔާގެ މުދާވެސް ރާއްޖެއިން ބޭރުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.