ސްރީލަންކާގެ ކޮލަމްބޯގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ "ފުޓް ވެއަރ އެންޑް ލެދާ ފެއަރ 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. މި މަޢުރަޒަކީ ފައިވާނާއި ބޫޓުގެ އިތުރުން ހަމުގެ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ފެއަރއެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރުން އެ ވުޒާރާއަށް މިހާރު ޙިއްސާކުރައްވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ހުރި ފުރުޞަތުތައް ބަލައި، ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން ފެށިގެން އަންނަ މާރިޗު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއަރ ކުރިއަށްދާނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލް ގައެވެ.
މިފަދަ ފެއަރތަކުގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެ، އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އިޤްތިޞާދީ ވުޒާރާއިން ދަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުޞަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.