ތ. ކަނިމީދޫ ފަތުރުވެރިކަން ތަރައްޤީކުރާ ލިސްޓުން އުނިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތ. ކަނިމީދޫ ފަތުރުވެރިކަން ތަރައްޤީކުރާ ލިސްޓުން އުނިކޮށްފި

ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ލިސްޓުން ތ. ކަނިމީދޫ އާއި ބ. އަތޮޅުގެ ފަޅެއް އުނިކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ނިންމައިފިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ރަށްތަކާއި ފަޅުތައް ތަރައްޤީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި ޖުމްލަ 14 ރަށަކަށާއި 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވީ ނަމަވެސް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފަހުން ކުރި އިއުލާނެއްގައި ވަނީ މި ލިސްޓަށް ބަދަލު ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ގެނައި އިސްލާޙުގައިވާ ގޮތުން، ތ. ކަނިމީދޫގެ އިތުރުން ބ. އަތޮޅުން ފަތުރުވެރިކަމަށް ކަނޑައެޅި 0.62 ހެކްޓަރުގެ ފަޅެއް ވެސް ވަނީ ލިސްޓުން އުނިކޮށްފައެވެ. ނަމަވެސް، މި ދެ ސަރަޙައްދު ލިސްޓުން އުނިކުރަން ނިންމި ވަކި ސަބަބެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ 68 ހެކްޓަރުގެ ބޮޑު ރަށެކެވެ. މި ރަށަކީ މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށްޓަކައި ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައި އޮތް ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދީ، ގިނަ ރަށްތަކެއް ބިޑަށް ހުޅުވާލަމުންނެވެ.

މިއަދު އޮންލައިން