ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އެކަނި މަންމަ ބަަލަމުންވެސް މަންމަގެ ކޭޝްކާޑުގެ ބޭނުން ނުކުރި އަންހެނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އެކަނި މަންމަ ބަަލަމުންވެސް މަންމަގެ ކޭޝްކާޑުގެ ބޭނުން ނުކުރި އަންހެނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

 

އެއީ ރަށެއްގެ އަންހެނެކެވެ. 6 ދަރިން ތިބެއެވެ. 5 ދަރިން ރަށުގައެވެ. އެއް ދަރިއަކު އެހެން ރަށެއްގައެވެ. 5 ދަރިން މަންމަ ނުބެލީމާ އޭނާހުރި ރަށަށް މަންމަ ގެނެސް މަންމަ ބަލައިދޭތާ 10 އަަހރުވީފަހުން ޕެންޝަން ފައިސާ ޖަމާވާން ފަށައިފިއެވެ. އެހިސާބުން ދޮށީ ފިރިހެންދަރިފުޅު އައިސް މަންމަ ދެކެ ލޯބިވާވަރުން ަމންމަ ގެންދިއައީ މަންމަވެސް ، އަދި މަންމަ ބަލަމުން އައިދަރިވެސް ރޮއްވާފައެވެ. ދާން އެއްބަސްނުވީމާ ދުވަސކޮޅަކުން ގެނެސްދޭނެކަމަށްވެސް ބުނެފައެވެ. އެހިސާބުން މަންމަ ބަންދުބީއެވެ. ރަށުގެ މީޙުން ބުނާގޮތުން މަންމައާއި އަޅައިވެސް ނުލައެވެ.  

މިހުރީ މައިންބަފައިންގެ ކޭޝްކާޑުގެ ބޭނުމުގައި ކުރާ ކަންކަމެވެ. ތިރީގައިވާ ވާހަކައަކީ އެފަދަ ދަރިންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ދަތިޙާލުގައި އުޅެމުންވެސް މަންމަގެ ކޭޝްކާޑުގަ އަތްނުލައި މަންމައަށްޙައްޖުވެދީ، ޢުމްރާވެދީ އަދި މަންމގެ އެދުމަށް ނިޔާވެފައިވާ ބައްޕައަށްވެސް ޙައްޖެއްވެދިން އަންހެންދަރިއަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ.  

އަޅުގަނޑާއި މަންމަ އާއި އަޅުގަނޑުގެ 4 އަހަރު އަހަރުގެ ދަރިފުޅު ދިރިއުޅެމުން ދިއައީ 8 ފަންގިފިލާގެ އިމާރާތަކުން 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފައިގެން އެތަނުގައެވެ. ކުލި ދައްކައި ދިރިއުޅެނީ ވަޒިފާއަދާކޮށްގެން އަޅުގަނޑަށްލިބޭ މުސާރައިންނެވެ.  

އެއީ ދިރިއުޅުން ކަމަކަށްވެސް ނުބުނާނަމެވެ. ސަބަބަކީ ކުއްޔާއި ބިލްތައް ދައްކާފައި ދަރިފުޅުގެ ސްކޫލް ޚަރަދުތައް ކުރުމުން މަހުގެ ފަހު ހަފްތާގައި ތިބެންޖެހެނީ ހަމައެއްވެސް އެއްޗެއް ގަންނާނެ ފައިސާ ނެތި ވަރަށް ދަތިޙާލުގައެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ނުއަންގަމެވެ. އަދި މަންމައަކަށްވެސް ނުއަންގަމެވެ.  

ބަނޑަށް 6 މަހުގައި ވަރިކޮށްލާފައި ފޮނުވާލިފަހުން ދަރިފުޅުގެ ބައްޕަ ލޮލަކުން ނުދެކެމެވެ. އެންމެ ބައިރުފިޔާވެސް ޚަރަދެއްވެސް ނުކުރެއެވެ. ކެތްތެރިކަން ލިބިގަތީ އަޅުކަމުންނެވެ. މަންމަދިން ނަޞޭޙަތާއި ހިތްވަރުންނެވެ.  

މަންމައަކީ 65 އަހަރުވެފައިހުރި އަންހެނަކަށްވުމުން ސަރުކާރުންދޭ ފައިސާ ޖަމާކުރާގޮތަށް އެކައުންޓުގައި ބަހައްޓަނީއެވެ. އެންމެ ރުފިޔާއެއްވެސް އަޅުގަނޑަށް ނޫނީ މަންމައަށް ޚަރަދުކުރާކަށް ނުނަގަމެވެ. އެފައިސާއިން ފުރަތަމަކަމަކަށް ކުރިކަމަކީ މަންމަ ޙައްޖަށް ފޮނުވުމެވެ. ދެން މަންމަ ބޭނުންވީ ބައްޕައަށް ޙައްޖެއްވާށެވެ. އެކަންވެސްކުރީއެވެ. އެއިގެފަހުން ފައިސާ ޖަމާވާވަރަކުން މަންމަގެ އެކުވެރިއަކު ނުވަތަ އަޅުގަނޑުގެ އެކުވެރިއަކު ޢުމުރާއަށްދާނަމަ މަންމަ ފޮނުވަނީއެވެ.

ކޮންމެ މަހަކުހެން މަންމަ ބުނާނެއެވެ. "ދަރިފުޅާއެވެ. މަންމަގެ އެކައުންޓުގައި ފައިސާހުރުމަކުން  އެއްޗެއްސެއް ނުގަނެވޭނެއެވެ. މަންމަގެ ފައިސާއިން ދަރިފުޅު ބޭނުންކަމަށް ޚަރަދުކުރާށެވެ." ޖަވާބުގައި ބޭނުންވުމުން ނަގާނެ ކަމަށް ބުނަމެވެ. ނަމަވެސް ދުވަހަކުވެސް ނުނަގަމެވެ.  

މިފަދަ ގޮތަކަށް ދިރިއުޅެމުންދަނިކޮށް ކުރިން ނުފެންނަ މީހަކު ލިފްޓް ކައިރީގައި ގޮނޑިއެއްގައި އިށީނދެ އިންނަތަން ފެންނަން ފަށައިފިއެވެ. އޭނާއަކީ މަންމަމެން އުމުރުގެ މީހެކެވެ. އިންނަގޮތުން ހީވަނީ ނުވެސް ކައި އިންނަހެންނެވެ. އެއިގެ ކުޑަދުވަސްކޮޅެއްފަހުން ތަންކޮޅެއް ތާހިރުކަން ކުޑަ ފޭރާންލައިގެން އިންދާ ފެންނަން ފަށައިފިއެވެ.  

މިކަންކަމަށް ކުޑަކޮށް އުނދަގޫވެގެން އެއްދުވަހު ސުވާލުކޮށްލީމެވެ. "ބޭބެ އުޅެނީ މިއިމާރާތުގައި ހެއްޔެވެ؟ ނިކަން އަހަރެމެންގެ އެޕާޓްމަންޓަށް ހިނގައިބަލާށެވެ."  

އޭނާގެންގޮސް ސައިދިނީމެވެ. ކާން ފާރޮށި ބެހެއްޓުމުން ބުނީ އޭނާއަށް ފާރޮށި ވަރަށް މީރުކަމަށާއި ނަމަވެސް އޭނާގެ ގޭގައި ބޭނުން ނުކުރާތީ ފާރޮށި ނުކާތާ ވަރަށް ގިނަދުވަސްވެއްޖެކަމަށެވެ. "އެކުދިން ސައިބޯންވީމާ އޯޑަރުކޮށްގެން އެއްޗެތި ގެނުވާނީ! ނޫނީ ގަނެގެން ގެންނާނީ. ދެން ހުންނާނެ އަގުބޮޑު ބިސްކޯދުތައް ގަނެ ޖަމާކޮށްފަ."  

އަޅުގަނޑު އެއަށް ޖަވާބެއް ނުދެމެވެ. ސައިބޮއި ނިމުމުން އޭނާ އެހައި ގިނައިން ގޮނޑީގައި އިންނަ ސަބަބާއި މިހާރު ދައު ގަމީސްލާ ސަބަބާއިމެދު ސުވާލުކުރީމާ ކިޔައިދިނެވެ. "ދަރިފުޅާއެވެ. އަޅުގަނޑުގެ އަނބިމިހާ ނިޔާވިތާ އަހަރެއްހައި ދުވަސް ވެއްޖެއެވެ. އަހަރެންނަށް ކާނެ އެތިކޮޅެއް ދިނުންވެސް ދަރިންނަށް ބުރައެވެ. އެއްޗެތި ދޮވެ އިސްތިރިކޮށްލައިދިނުންވެސް ބުރައެވެ. ގޭގައި މަޑުކޮށްލައިގެން އެކުދިންނަށް ފެންނަ ހިސާބުގައި އިންނަމަވެސް އެކުދިންނަށް އުނދަގޫވެއެވެ. އެހެންވެ ދަރިންނަށް އުނދަގޫނުކުރަން އެތަނުގައި އިންނަނީއެވެ. ބޭބެއަކީ ދުވަހަކުވެސް އަމިއްލައަށް ކާންހަދައިގެން ކައި ތަށިދޮވެ، ދޮވެ އިސްތިރިކޮށް އުޅުނު މީހެއް ނޫނެވެ. އަދި ހޮޓަލުންވެސް ކައިއުޅޭ މީހެއް ނޫނެވެ. ވީމާ ބައެއްފަހަރު ކެތްތެރިވާންޖެހެނީއެވެ."  

ޢޭނާގެ ވާހަކަ އަޑުއިވުމުން ވަރަށް ދެރަވިއެވެ. މަންމަ މިބަލަނީ އަޅުގަނޑު އެކަންޏެވެ. އޭނާ އެބުނީ ދަރިންތަކެއް ތިބެ އޭނާއަށް ހަދާގޮތެވެ. ނަމަވެސް އެކަމަކަށްވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް ބުނީމެވެ. "ބޭބޭއެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަވީ ނިޔާވެފައެވެ. ވީމާ ބައްޕައަށް ކުރާ ޞަދަޤާތެއްގެ ގޮތުން ބޭބެއަށް ޚިދުމަތްކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ދޭށެވެ. ކޮންމެ އިރަކުވެސް ކާން އަންނާށެވެ. އެއްޗެތި ބަދަލުކޮށްފަ ދައުއެއްޗެތި ގެނެސްދޭށެވެ. ދޮވެ އިސްތިރިކޮށްދޭނަމެވެ."  

އެއިގެ ފަހުން އެބޭބެ އައިސްއުޅެއެވެ. ލިބުނު މިންވަރަކުން ކާންދެމެވެ. އެއްޗެތި ދޮވެ އިސްތިރިކޮށްދެމެވެ. ދެން މިކިޔައިދެނީ އެންމެ މުހިންމުވާހަކައެވެ.  

އެގޮތަށް އަހަރެމެން އުޅޭ ފެލެޓަށް އައިސް އުޅުމުގެ ތެރެއިން އޭނާ އާއި މަންމަ އާއި ދެމެދުގައި ގާތް ގުޅުމެއް އުފެދި ވާހަކަދައްކަން ތިބޭވަގުތު ގިނަވާން ފަށައިފިއެވެ. އެކަމާ އުފާކުރީމެވެ. އެއީ މަންމައަށްވެސް މީހަކާއި ވާހަކަދައްކައިހެދުމުން އުފާވެރިކަން ލިބޭނެތީއެވެ. އެކަމުގައި ކުރިލައި ހެދެމުން އައިސް ދެމީހުން ކައިވެނިކުރަން އެއްބަސްވެ ކައިވެނިކުރީއެވެ. 

އެބޭބެއަކީ ކާކުކަން އެނގުނީ ކައިވެނިކުރަން ރަންކީރެއެވެ. އެރޭ އެނގުނީ އޭނާގެ އަޞްލު އެޑްރެހަކީ ހަމަ އެގެ (އެޢިމާރާތް) ކަމެވެ. އެއިގެ ކުރިން ހީކޮށްގެން ތިބީ އޭނާއަކީވެސް ކުއްޔަށް ދިރިއުޅޭ އަހަރެމެންފަދަ މީހެއް ކަމަށެވެ. އެހާބޮޑަށް ސަމާލުކަން ދެވުނީވެސް ނިކަމެއްޗަކުކަމަށް ހީކުރެވުމުންނެވެ. އަދި އެގެއަކީ އޭނާގެ އަމިއްލަގެކަން އެނގުނީ ކައިވެނިކުރިރެއެވެ. މަންމަ ގޮވައިގެން ނިދަން އެއިރު ހުހަށްހުރި 3 ކޮޓަރީގެ ފްލެޓަކަށް ދިއުމުންނެވެ. އަޅުގަނޑުމެން ބަދަލުކުރީ ފަހުންނެވެ.  

ދޮން ބައްޕަފަހުން ކިޔައިދިނެވެ. "މިއީ އަހަރެންގެ ގެއެވެ. ގެއެޅީ ލޯނުނަގައިގެންނެވެ. ލޯނުދައްކައި ނިމިއްޖެއެވެ. ވީމާ މިހާރު މިއީ އަހަރެންގެ މިލްކެކެވެ. މިވާހަކަ ކުރިން ކިޔައިނުދިނީ ދެމައިން އަހަރެންނަށް އެހީތެރިވުމުގެ މަޤްޞަދު ޔަޤީންކުރަންވެގެންނެވެ. ގުޅުން އުފެއްދީ އެއްވެސް އަމިއްލަ އެދުމެއްނެތް ދެމައިންކަން އެނގުމުންނެވެ.  

އެކުގައި ދިހަވަރަކަށް އަހަރު ވަރަށް ލޯބިން ދިރިއުޅުމަށްފަހު ދޮންބައްޕަވެސް މަންމަވެސް ވަނީ ދާދިފަހުން ނިޔާވެފައެވެ. ނިޔާވުމުގެ ކުރިން އަޅުގަނޑުމެން ދިރިއުޅެމުން އައި ފްލެޓްވަނީ މަންމައަށްދީފައެވެ. އެހެންވެ އަޅުގަނޑު ދިރިއުޅެމުން މިދަނީ އެ ފްލެޓުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން އޮތީ މަންމައަށް ހެޔޮކޮށްހިތާށެވެ! އަދި ޙާލުގައި ހުރި މީހަކު ފެނިއްޖެނަމަ އެހީތެރިވާށެވެ! އެއީ ކާކުތޯ ކޮން ފެންވަރެއްގެ މީހަކުކަން ބެލުމުގެ ބޭނުމެއް ނެތެވެ. ފޯރުކޮށްދޭ އެހީތެރިކަން ރަހްމަތުގެ ގޮތުގައި ފެންނާނެއެވެ. މިދުނިޔޭގައި ނުފެނުނުނަމަ އާޚިރަތުގައި ފެންނާނެއެވެ. ފައިދާބޮޑުވާނީވެސް ދުނިޔޭގައި ނުފެނި އާޚިރަތުގައި ފެނިއްޖެނަމައެވެ. އިން ޝާ ﷲ

 

- މިލްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން