ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވެގެން ނުކުންނާނީ ޤައުމަށް ޚިދުމަތް ކުރާ މުޖުތަމަޢު ޤަބޫލުކުރާ އުޞޫލްތާކާއި މިންގަނޑުތަކުގެތެރޭގައި އުފެދިގެން އަންނަ ޖީލެއްކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުން ދަސްވެނިވި ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދިން އުޞޫލުން، މިހާރު ތަމްރީންތައް ފުރިހަމަ ކުރާ ދަރިވަރުންނަށްވެސް އެ ފުރުޞަތު ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު ތަމްރީން ފުރިހަމަ ކުރަމުން އަންނަނީ ޖުމްލަ 350 ބައިވެރިންނެވެ. މި ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، "މި ތައްޔާރު ކުރަނީ ޤައުމާއި ދީން ދެކެ ލޯބިވާ ޒުވާން ޖީލެއް. ރާއްޖެ ގޮވައިގެން ކުރިއަށްދާނެ ޖީލެއް. މި ޕްރޮގްރާމްގެ ސަބަބުން އަންނަން އޮތް ޖީލަށް ގިނަ ފައިދާތަކެއް ކުރާނެ." ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މުހިންމު ޕްރޮގްރާމެކެވެ.