މި ރަމަޟާންމަހު ރައްޔިތުންނަށް މަހާއި މަހުގެ އުފެއްދުންތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ރޯދަ މަހަކީ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވާ މަހަކަށް ވާތީ، އާންމުންނަށް ބޭނުންވާ މިންވަރަށް ތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މިފްކޯއިން ބުނީ، އެކުންފުނީގެ އުފެއްދުންތައް ހުސްނުވެ މިރަމަޟާންމަހު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ދުރާލާ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިތަކެތި މިފްކޯގެ ފިހާރަތަކުން މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްވެރިން މަސްކިރުވާ މިންވަރަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ދަށްވެފައެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެއެވެ.
މަސް ގަންނަ މިންވަރަށް ބަދަލުތަކެއް އައި ނަމަވެސް، މިފްކޯއިން ކުރާ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ބޭނުންވާ މަހުގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. މިގޮތުން ރޯދައަށް ހާއްސަކޮށްގެން މިފްކޯގެ ފިހާރަތައް މެދުވެރިކޮށް ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.