ކުދި ކުށްތަކުގައި އަދަބު ކަނޑައަޅާފައިވާ ގައިދީންނަށް، އަދަބެއްގެ ގޮތުން މުޖުތަމަޢުއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ. މި ނިޒާމުގެ ދަށުން ބައެއް ފަރާތްތަކާއެކު މިހާރުވެސް އެއްބަސްވުންތައް ޤާއިމުކޮށްފައިވާއިރު، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއެކު އިތުރު މަޝްވަރާތައް ދަނީ ކުރިއަށްގެންދަމުންނެވެ.
ކޮމިއުނިޓީ ސެންޓެންސް ނުވަތަ މުޖުތަމަޢަށް ޚިދުމަތްކުރުމަކީ ކުދި ކުށްތަކުގައި ލުއި އަދަބު ތަންފީޒުކުރަމުންދާ މީހުންނަށް ދެވޭ ފުރުޞަތެކެވެ. މިއީ ކޯޓުން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން އެމީހުންގެ ހުނަރާއި ޤާބިލުކަން ބޭނުންކޮށްގެން މުޖުތަމަޢަށް ލާބައާއި މަންފާ ހޯދައިދިނުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.
ކަރެކްޝަނަލް ސަރވިސްއިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، މުޖުތަމަޢަށް ޚިދުމަތް ކުރެވޭނެ ދާއިރާތައް ދެނެގަތުމަށް ބައެއް ކުންފުނިތަކާ ބައްދަލުކުރުން ހިމެނެއެވެ. މި ބައްދަލުވުންތަކުގައި މަސައްކަތުގެ ބާވަތާއި، ޚިދުމަތަށް މީހުން ނެރުމުގައި ޢަމަލުކުރާނެ އުޞޫލުތަކުގެ އިތުރުން، އެކަން މޮނިޓަރކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުންދާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
2014 ވަނަ އަހަރު އަމަލުކުރަން ފެށި ޤާނޫނުލްޢުޤޫބާގައިވާ ގޮތުން، އެކި މިންވަރުގެ ޖަލު ހުކުމްތަކަށް ކޮމިއުނިޓީ ސަރވިސްގެ ބަދަލު އަދަބުތައް ކަނޑައެޅިދާނެއެވެ. އެގޮތުން 1 އަހަރުގެ ޖަލު ހުކުމެއް އަންނަ މީހަކަށް 2 އަހަރުގެ ގޭ ބަންދު ނުވަތަ 1920 ގަޑިއިރުގެ ކޮމިއުނިޓީ ސަރވިސް ފުރިހަމަކުރުމުގެ އިޚްތިޔާރު އޮވެއެވެ. އަދި 7 ދުވަހުގެ ޖަލު ހުކުމެއް އަންނަ މީހަކު 40 ގަޑިއިރުގެ މަސައްކަތް ކޮމިއުނިޓީ ސަރވިސްގައި ކުރަންޖެހެއެވެ.
މި ނިޒާމަކީ ކުށްކުރާ މީހުން އިޞްލާޙުވެ، ރަނގަޅު މީހުންގެ ގޮތުގައި މުޖުތަމަޢަށް އެނބުރި އައުމަށް ދެވޭ ދެވަނަ ފުރުޞަތެކެވެ. ގަވާއިދުގައިވާ ގޮތުން، ގޭބަންދުގައި ނުވަތަ ޖަލުހުކުމް ތަންފީޒުކުރާ ރަށުގައި އިޖްތިމާޢީ މަސައްކަތްތަކަށް ފުރުޞަތު އޮތްނަމަ، އެ މީހަކު ހުރި ރަށެއްގައި ހުރެގެންވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.