އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26,454 މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި އިންތިޚާބަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދެ ފަހަރެއްގެ މަތިން ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. ނަމަވެސް، މިހާތަނަށް މި އަދަދަށް ރަޖިސްޓަރީވެފައިވަނީ އެންމެ 21 ރިސޯޓަކުންނެވެ. ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓަރީވެފައި ނުވާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، އެ ޤައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީވާން ޖެހެއެވެ. އެހެންނަމަވެސް، މިހާތަނަށް އެއްވެސް ޤައުމަކުން އެ އަދަދަށް މީހުން ރަޖިސްޓަރީވެފައެއް ނުވެއެވެ. އެގޮތުން މެލޭޝިއާއިން ރަޖިސްޓަރީވީ 499 މީހުންނެވެ. އަދި ސްރީލަންކާއިން ރަޖިސްޓަރީވެފައިވަނީ 189 މީހުންނެވެ.
ވޯޓުފޮށި ނުބެހެއްޓޭ ތަންތަނަށް ރަޖިސްޓަރީވި ފަރާތްތަކަށް، ވޯޓުފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު އޮންނާނީ ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. މި މުއްދަތުގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، އެ ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.
މީގެއިތުރުން، ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް، އެހެން ތަނަކަށް ރަޖިސްޓަރީ ބަދަލުކުރުމުގެ ފުރުޞަތު އެ މުއްދަތުގައި ވަނީ ހުޅުވާލާފައެވެ. ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ މަޢުލޫމާތު ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.