އަނބިމީހާ ނިކަމެތިކޮށްފަ ހިލޭ އަންހެނަކަށް ކިތަންމެ ގިނައިން ޚަރަދުކުރިޔަސް ﷲ ގެ ރުހިވޮޑިގަތުމެއް ނުލިބޭނެކަމާ މީހާ ވާނީ ބަނގުރޫޓުކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަނބިމީހާ ނިކަމެތިކޮށްފަ ހިލޭ އަންހެނަކަށް ކިތަންމެ ގިނައިން ޚަރަދުކުރިޔަސް ﷲ ގެ ރުހިވޮޑިގަތުމެއް ނުލިބޭނެކަމާ މީހާ ވާނީ ބަނގުރޫޓުކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-!

 

މިއީ ހަމަ މިރަމަޟާން މަހު ހިނގިކަމެކެވެ. އެކުވެރި ދެމަފިރިއެއްގެ ގެއަށް ޒިޔާރަތްކުރުމުން ފެނުނު ކަންތަކުން ރޮވުނެވެ. އެމީހުންގެ ދިރިއުޅުން ހުރި ދަތިޙާލަތު ފެނުމުންނެވެ. މީގެ އަހަރެއްހައި ދުވަސްކުރިން އެމީހުންނަކީ ފުދިގެން އުޅުނު ބައަކަށްވާތީއެވެ.  

މިޙާލަތު މިގޮތަށް ބަދަލުވި ސަބަބާއިމެދު ސުވާލުކުރުމުން އަނބިމީހާ ރޮމުން ކިޔައިދިން ޥާހަކަތަކުން ހިތުގައި އުފެދުނީ ސުވާލެކެވެ. އަނބިމީހާ އެކިޔައިދެނީ ހަމަ އަހުރެންގެ އެކުވެރިޔާގެ ވާހަކަތައް ހެއްޔެވެ؟ އަނބިމީހާ ނިކަމެތިކޮށްފައި ހިލޭ އަންހެނަކަށް ޚަރަދުކުރީ ހަމަ އަހުރެންގެ އެކުވެރިޔާ ހެއްޔެވެ؟

އެކުވެރިޔާ ގޮވައިގެން ގެއިން ބޭރަށް ނުކުތީމެވެ. އަނބިމީހާ އެދެއްކި ވާހަކަތަކަކީ ހަމަ ތެދެއްތޯ ސުވާލުކުރީމެވެ. އެކުވެރިޔާ އިންކާރެއް ނުކުރެއެވެ. ކުށަށް އިޢްތިރާފްވިއެވެ. ކިޔައިދިނެވެ. "އަހުރެން އޭނާއަށް އެހީތެރިވާން ފެށީ އޭނާ ނިކަމެތި ޙާލުގައި އުޅޭތީއެވެ. ދުވަސްކޮޅަކުން ނިޔަތް ނުބައިވީއެވެ. ކުރި ޞަދަޤާތުގެ މަޤްޞަދު ބަދަލުވީއެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވުނީއެވެ. އަނބިމީހާއަށް ދޮގުހަދަމުން އޭނާއަށް މާގިނައިން ޚަރަދުކުރެވުނީއެވެ. ވަޒީފާ ގެއްލުނީއެވެ. މިއުޅެނީ ވަޒިފާއެއް ނުވެސް ލިބިގެންނެވެ. ކުރެވުނު ކުށް ބޮޑުކަމުން އެކުވެރިޔާގެ ގާތުގައި ބުނަންވެސް މިހުންނަނީ ލަދުންނެވެ."  

އަހުރެން ބުނީމެވެ. "އެކުވެރިޔާއެވެ! ތިއަފަދަ މަގަކުން އެކުވެރިޔާ ހިނގައިފާނެކަމަށް ޤަބޫލެއްވެސް ނުކުރެވެއެވެ. އެކަމަކު ތިއައޮތީ ހިނގިފައިތާއެވެ. ވީކަމެއް ތިއައޮތީ ވެނިމިފައެވެ. އަނބިމީހާއަށް ވަފާތެރިނުވެވޭނަމަ ދިރިއުޅުމުގެ ބަރަކާތް ކެނޑިގެންދާނެއެވެ. އަނބިމީހާ ބޭވަފާތެރިވެއްޖެނަމަ އެކަން އޮތީ އޭނާއަށެވެ. އެކަމަކު އަހުރެމެން ފިރިހެނުން ބޭވަފާތެރިވީމާ ވަރަށް ތަފާތެވެ. އެއީ ﷲ ތަޢާލާ ރިޒުޤް ޙަވާލުކުރައްވަވަނީ އަހުރެމެންނަށް ކަމަށްވެފައި އެރިޒުޤަށް ޢަދުލުވެރި ނުވީމާ އަހުރެމެންނަށް ކުރެވޭ ކުށް ބޮޑުވަނީއެވެ.  

ދެންވެސް ވިސްނާށެވެ! ނަމަނަމަ ތިއަފަދަ ކުށެއް ތަކުރާރުނުކުރާށެވެ! މާދަމާ އަހުރެންގެ އޮފީހަށް ނުކުންނާށެވެ. ވަޒީފާއެއް މިވަޤުތަކު ނެތެވެ. އެކަމަކު ވަޒިފާއެއް އުފައްދައިގެންވެސް އެކުވެރިޔާއަށް އެހީތެރިވާނަމެވެ. މިހާރު ރޭއަޅުކަން ނުކުރާނަމަ މިރެއިން ފެށިގެންވެސް ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރަންފަށާށެވެ. ދެންވެސް ރަނގަޅު ގޮތެއް މެދުވެރިވާނީ އެއިރުންނެވެ."  

މިވާހަކަ ކިޔާފައި ވަރަށް އަސަރުކުރިއެވެ. އަހުރެންގެ ޙަޔާތާއިވެސް ވަރަށް ގުޅުން ހުރި ޙާދިސާއަކަށްވާތީއެވެ. އަހުރެންގެ ފިރިމީހާއަށްވެސް ވިސްނުނީ އަތްމަތި ހުސްވެ ދަރަނިވެރިވީ ހިސާބުންނެވެ. އަރައިގަނެވުނީ އެތައް ދުވަހަކު ކުރި މަސައްކަތުންނެވެ. ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރާތާ އެތައް ދުވަހަކުންނެވެ. ވީމާ ކުރި އަސަރުބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީއެވެ.

 

- ޙުސްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން