ދެމެހެއްޓެނިވި ގޮތެއްގައި "ދަނޑުވެރިންގެ ބާޒާރު" ކުރިއަށް ގެންދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދެމެހެއްޓެނިވި ގޮތެއްގައި "ދަނޑުވެރިންގެ ބާޒާރު" ކުރިއަށް ގެންދަނީ

ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭގައި ހުޅުވި ވަގުތީ މާރުކޭޓް "ދަނޑުވެރިންގެ ބާޒާރު" ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މި މާރުކޭޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަނޑުވެރިންގެ އުފެއްދުންތަކަށް ފުރުސަތު ހޯދައިދިނުމަށް ހުޅުވި ތަނެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުވި މި މާރުކޭޓުގައި ބައިވެރިވުމަށް ދައުވަތު ދިން ގިނަ ރަށްރަށުން އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާލޭގެ ބާޒާރަށް ސީދާ ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މާރުކޭޓުގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން ށ. ގޮއިދޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، "ގޮއިދޫއަކީ އެމްގެޕް ސެޓިފައިޑް ދަނޑުތަކެއް ހުރި ރަށެއް" ކަމަށާއި، އެ ރަށުން ގެންނަ ތަކެއްޗަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ތަކެތި ކަމަށެވެ.

ޚާއްސަކޮށް ރަމަޟާން މަހަށް އަމާޒުކޮށްގެން ގޮއިދޫން ކަރާގެ އެކި ބާވަތްތައް ބާޒާރަށް ގެނެސްފައިވާއިރު، މި ކަރާތަކަކީ އެއްވެސް ވަރަކަށް ކެމިކަލް ބޭނުންނުކޮށް ހައްދާފައިވާ، ހަށިގަނޑަށް ފައިދާހުރި އުފެއްދުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސިއްހީ ގޮތުން ރައްކާތެރި ކާނާ އާންމުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ބަޔާންކުރައްވާފައެވެ.

ވަޒީރު ޑރ. މާރިޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ސިޔާސަތުތަކުގެ ދަށުން މިފަދަ މާރުކޭޓުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށްވާތީ، މުސްތަގުބަލުގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި މި ބާޒާރު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން