ފ އަތޮޅާއި ދ އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތުން އަގު ނަގަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފ އަތޮޅާއި ދ އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތުން އަގު ނަގަން ފަށައިފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) ގެ ޚިދުމަތް ފާފު އަތޮޅާއި ދާލު އަތޮޅުގައި އަގު ނަގައިގެން ރަސްމީކޮށް ދޭން ފަށައިފިއެވެ. މި ދެ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ފ އަދި ދ އަތޮޅާއެކު މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. މި ދެ އަތޮޅުގައި ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ފެރީތަކަކީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ އުޅަނދުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޚިދުމަތުގެ ތަފްސީލަށް ބަލާއިރު، 5000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފ އަތޮޅުގެ މީހުން ދިރިއުޅޭ 5 ރަށާއި، 7000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދ އަތޮޅުގެ މީހުން ދިރިއުޅޭ 7 ރަށަށް މި ޚިދުމަތުގެ ސަބަބުން ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އާރްޓީއެލްގެ ޚިދުމަތް ދެމުންދަނީ އާންމުންނަށް އަތްފޯރާފަދަ ހެޔޮ އަގުތަކެއްގައެވެ.

މި ދެ އަތޮޅުގައި ދަތުރުތަކަށް އަގު ނަގަން ފަށާފައިވާ އިރު، އަގުތައް ހުރީ ފ އަތޮޅު ކޮޅަކަށް 35 ރުފިޔާއާއި 70 ރުފިޔާއާ ދެމެދު، ދ އަތޮޅު ކޮޅަކަށް 35 ރުފިޔާއާއި 125 ރުފިޔާއާ ދެމެދު އަދި ފ އަތޮޅާއި ދ އަތޮޅާ ދެމެދު: 130 ރުފިޔާއާއި 150 ރުފިޔާއާ ދެމެދެވެ.

ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން "އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ" ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި ޚިދުމަތުގެ ސަބަބުން ދެ އަތޮޅުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން