ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މާލެ، ވިލިނގިލި، އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި މިހާރު މަސްދަޅު ކޭސް ދޫކުރަމުންދާ މަރުކަޒުތަކުން ރޯދަ މަހުގެ މެދާ ހަމަޔަށް އެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އެމްސީއެލްޕީގެ ޕަބްލިކް ވަރކްސް އާއި، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސްތައް ދޫކުރަމުންދާނެއެވެ.
ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފަށާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މި މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް މާލެ ސަރަޙައްދުގެ 15 މަރުކަޒަކުން މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
މި ހަދިޔާއަކީ ރަމަޟާން މަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ. ވަޒީރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ކަނޑައެޅިފައިވާ މަރުކަޒުތަކުން ރޯދަ މަހުގެ 15 ގެ ނިޔަލަށް މަސްދަޅު ކޭސްތައް ދޫކުރަމުންދާނެ ކަމަށެވެ.