ގދ. ތިނަދޫ ސިޓީގެ އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ ތިނަދޫގެ އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
ޖުމްލަ 341 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ތިނަދޫގެ 50 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 19.3 ކިލޯ މީޓަރުގެ ސަރަހައްދެއް ހިމެނޭއިރު، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ރޯޑް މާކިން ޖެހުމާއި، ސައިން ބޯޑު ހަރުކުރުމުގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއަކީ 4 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް ނިމުމުން ތިނަދޫގެ މަގުތަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.