އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ހޯދާ މީހުންނަށް އަޅާނަން: އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ހޯދާ މީހުންނަށް އަޅާނަން: އިހުސާން

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން މަންފާ ހޯދާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ ފުވައްމުލަކުގައި ހިންގި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ބޮޑު ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.

ފުވައްމުލަކު ސިޓީގައި ހިންގި ޑްރަގް ނެޓްވޯކަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް ވަނީ 75 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖޭގައި އިއްވުނު އެންމެ ދިގު ހުކުމްތަކުގެ ތެރެއިން ހުކުމެކެވެ.

މިކަމާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ދިވެހި ޒުވާން ޖީލުތައް ފަނާކޮށް، އާއިލާތައް ބިކަކުރަމުންދާ ފަރާތްތަކަށް މި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ. "މަސްތުވާތަކެތީގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މި މައްސަލައިގެ ތަހުގީގާއި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނަށާއި، ކޯޓުގައި ދައުވާ ސާބިތުކޮށްދިނުމަށް މަސައްކަތްކުރެއްވި ޕްރޮސެކިއުޓަރުންނަށް ޝުކުރު އަދާކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވާއިރު، މިފަދަ ބޮޑެތި ހުކުމްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ވަރުގަދަ މެސެޖެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މިއަދު އޮންލައިން