ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ (ސެން) ޓީޗަރުން ތަމްރީނުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ތައުލީމީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއީ މުޅިން ހިލޭ ކުރިއަށް ގެންދާ ކޯހެކެވެ. މިގޮތުން ކޯހުގެ ހުރިހާ ފީއެއް އެ ވުޒާރާއިން ދެއްކުމުގެ އިތުރުން، ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހަކު އެލަވަންސެއް ނުވަތަ ސްޓައިޕެންޑެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ސެން ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަމާއި ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ޓީޗަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ. މި މަސައްކަތުގެ ސަބަބުން ސްކޫލްތަކުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭ ތައުލީމީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.
މި އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު އެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އެވެ.