ރާއްޖޭގެ 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި، އެ ހުރިހާ ރަށަކަށް އެމްބިއުލާންސްތައް ފޮނުވައިފިއެވެ. މި މަސައްކަތަކީ އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ އަމަލީ މަސައްކަތް އެމްޕީއެލްއިން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށްފަހު ފެއްޓެވި މަސައްކަތެކެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 2025 ވަނަ އަހަރަށް އަމާޒުކޮށް އެމްޕީއެލްއާ ހަވާލުކުރި މި މަޝްރޫއަށް ޖުމްލަ 65.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި މަސައްކަތުގެ ދަށުން ގެނައި 56 އެމްބިއުލާންސް މާލެ ގެނައުމަށްފަހު، އެ ތަކެތީގެ ތަޅުދަނޑިތައް ވަނީ ކަމާބެހޭ ފަރާތްތަކާ ކުރިން ހަވާލުކޮށްފައެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ގެނައި އެމްބިއުލާންސްތަކުގެ ތެރެއިން އެއް އެމްބިއުލާންސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާއިރު، ބާކީ ހުރި ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކަށް ފޮނުވާފައެވެ.
މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މީގެ ސަބަބުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ބަލިމީހުން އުފުލުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.