"އަޅުގަނޑު ޤުރްއާން ކިޔަވަމެވެ. އެކަމަކު ޝިފާއެއް ނުލިބުނެވެ." ބުނާ ބައަކު އުޅެއެވެ. އެކަމަކަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެމީހަކު ކިޔެވި ގޮތަކާއި އެމީހެއްގެ ޢަމަލުތައް ބެހެއްޓިގޮތް އެނގޭނީ އެމީހަކަށެވެ. ޔަޤީންކަމަކީ ޤުރްއާނުން ޝިފާ ލިބޭނެ ކަމެވެ.
ބައެއް ކިޔުންތެރިންގެ ކިބައިންވެސް މިފަދަ ކަންބޮޑުވުންތައް ލިބެމުންދާތީ މިގެނެސްދެނީ ޙަޤީޤަތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
﴿82﴾ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
"ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އަލްއިސްރާ: 82)
ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއް އެކި މީހުންނަށް ތަޙައްމަލްކުރެވޭނީ އެކިވަރަށެވެ. ކަންކަން ކުރިމަތިވުމުން އިންސާނާގެ ޠަބީޢަތަށް ބަދަލުތަކެއްވެސް އަންނާނެއެވެ. އެކަން މެދުވެރިވާނީ އެކި މީހުންނަށް އެކިވަރަށެވެ.
މިފަދައިން ދިމާވާ ކޮންމެ މައްސަލައަކީ އެކަމަކާއި ގުޅިގެން ބޭސްކާންޖެހެންވީ މައްސަލައެއް ނޫނެވެ. މިހެން ބުނި ނަމަވެސް ބޭސްކާންޖެހިދާނެ ކަންކަންވެސް ކުރިމަތިވެދާނެއެވެ. މުހިންމީ އެކަން ދެނެގަތުމަށްފަހު ކުރިއަށްދިއުމެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ! ކީރިތި ޤޔުރްއާނަކީ ޝިފާއެއް ނަމަވެސް ޝިފާހޯދަން އެދިގެން ކިޔަވަން އޮތީ ކިޔަވަން އޮތް މަގުންނެވެ. އަދި މާނަވެސް ކިޔައި ހިތަށް ވެއްދުވުމަކީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. ގިނަބައަކަށް ކިޔަވަން އޮތް ގޮތަކަށް ނޫނެވެ. ކިޔަވަން އޮތް ގޮތަށް ކިޔަވާށެވެ. ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
މިކަންކަމަށް ތިރީގައިވާ ލިޔުމުން ހެކި ލިބިލައްވާނެއެވެ! އިން ޝާ ﷲ
ޑިޕްރެޝަން ފިލައިފިކަމަށް ބުނުމުން ބަލީގައި ކާންދިން ހުރިހާ ބޭސް ޑޮކްޓަރަށް ހަދިޔާކޮށް ޝިފާ ހޯދިގޮތް ކިޔައިދިނީމާ ޑޮކްޓަރުގެ ސިކުނޑި ސުމަކަށް!
"ޙަޔާތުގައި އަޅުގަނޑަށް ކުރިމަތިވި ކަންކަން ބޮޑުކަމުން ދުވަސްކޮޅަކަށް އަޅުގަނޑުގެ ކަންކަން ހުއްޓުމަކަށް އައެވެ. މިދެންނެވީ ނެގިމަޑުވެފައިހުރުންކަމަށް ބުނާ ގޮތަށް ސްލޯވެފައި ހުންނަން ޖެހުނު ވާހަކައެވެ.
އެތަން ފެނިފައި ޢާއިލާއިން ބޭނުންވީ އަޅުގަނޑު ނަފްސާނީ ޑޮކްޓަރަކަށް ދައްކާށެވެ. އެކަމަށް ދެކޮޅު ހަދައިފިނަމަ ޖެހޭނެ މައްސަލަތައް ގިނަކަމުން ޑޮކްޓަރަކަށް ދެއްކީމެވެ. ދިންހާ ބޭސް ޢާއިލާއިން ނަގައިގެން ގެނެސްދިނެވެ.
އެގޮތަށް 6 މަސްވަންދެން މަހަކު އެއްފަހަރު ޑޮކްޓަރަށް ދެއްކިއެވެ. 6 ވަނަ މަހު ޑޮކްޓަރުބަލާފައި ބުނީ މިހާރު ދެން ބޭހާއި ނުލައިވެސް އުޅެވިދާނެކަމަށެވެ. ނަމަވެސް މަސްދުވަސްފަހުން އަދިވެސް ފޮލޯއަޕެއް ހަދާލުން ރަނގަޅުވާނެކަމަށެވެ.
އެހެން ބުނުމުން މީގެކުރިން ދިން ހުރިހާ ބޭސްތައް ދަބަހުން ނަގައި ޑޮކްޓަރުގެ މޭޒުމަތީގައި ބަހައްޓާފައި ބުނީމެވެ. "އެންމެ ގުޅައެއްވެސް މަދުތޯ ނިކަން ބަލައިލަބަލާށެވެ! ތިއަ ހުރިހާ ބޭސްކެއިނަމަ އަހަރެންގެ ހަށިގަނޑަށް ލިބޭނެ ގެއްލުން ނިކަން ވަޒަންކޮށްލަބަލާށެވެ. އަހަރެން ފަރުވާ ހޯދީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ، އަދި ފައިދާވެސް ކުރާނެ އެއްޗަކުންނެވެ."
އެއީ ކޮން އެއްޗެއްތޯ؟ ޑޮކްޓަރު ސުވާލުކުރީމާ ބުނީމެވެ. "މިއޮތީއެވެ.!" ބުނެފައި ނަގައި ކުޑަކުޑަ ޚަތިމެއް ދައްކައިޅީމެވެ. އަދި ބުނީމެވެ. "ހަމަ ކިޔެވީއެވެ. ޢަމަލުކުރީއެވެ. އެމީހަކަށް ނުއުފުލޭނެ ތަކްލީފެއް ނުޖައްސަވާނެ ކަމަށް ޤަބޫލުކުރީއެވެ. ނާރުތަކުގެ ބާރުވެސް ގުނަވަންތަކުގެ ބާރުވެސް ވީވަރުގަދައެވެ. ވިސްނުމުގެ ބާރުވެސްވީ ހަމަވަރުގަދައެވެ."
ސުވާލުކުރީމެވެ! ނަފްސާނީ ކަންކަމުގައި ބޭހުން ޝިފާލިބޭނަމަ ކަލޭމެން ޑޮކްޓަރުންނަށް ކަމެއް ދިމާވުމުން ބޯގޮވައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ބައިވަރު ބޭސްތަކެއް ކައިނުލަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުކޮށްފައި ޖަވާބަށް އިންތިޒާރުނުކޮށް ނުކުމެގެން އައީއެވެ.
- ޝަމްސުއްނިސާ / ކަރާޗީ ، ޕާކިސްތާން