މިސާލަކަށް ބުނާނަމަ ރަމަޟާން މަހު އަހަރެމެން އެންމެ ގިނައިން ދުޢާ ކުރާނީ އަހަރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. ނަމަވެސް އަހަރެމެން އެހެން މީހުންނަށް މަޢާފްކޮށް ހެޔޮ ދުޢާ ނުކުރީމާ ކަމަކު ނުދޭ ނޫންހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭއިރު އަހަރެމެންނަކީ މީސްތަކުންނަށް މަޢާފްކުރާ ބައަކަށްވާން އެބަ ޖެހެއެވެ. އެހެން މީހުންނަށް ވެސް ހެޔޮ ދުޢާކުރާ ބައަކަށް ވެސް ވާން އެބަޖެހެއެވެ.
އިސްލާމް ކަމުގެ ފުރަތަމަ ރުކުނަކީ އީމާންކަމެވެ. އީމާންކަން ފުރިހަމަވަނީ ތިމާއަށް އެދޭ އެންމެހައިކަންކަން އެހެން މީހުންނަށްވެސް ލިބުން އެދިގެންނެވެ. މިއީ އެންމެން ވެސް ދަންނަ އެންމެ އަސާސީ އެއް ކަންތަކެވެ. ނަމަވެސް އަމަލުކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެވިފައިވާ ކަމެކެވެ.
ވީމާ އަހަރެންގެ ނަޞޭޙަތަކީ ކޮންމެ މުސްލިމަކުވެސް ދުޢާ ކުރާއިރު އެންމެނެގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. ދުނިޔޭގައި ތިބި މީހުންނާއި މަރުވެ ގޮސްފައިވާ އެންމެންވެސް ހިމަނައިގެންނެވެ. ޚާއްޞަކޮށް އެމީހެއްގެ މައިން ބަފައިންނާއި ޢާއިލާގެ މީހުންގެ މައްޗަށް ހެޔޮ ދުޢާކުރަންވާނެއެވެ. އެއިން މީހަކު މަރުވެފައިވާނަމަ ހެޔޮ ދުޢާކުރުން އިތުރުކުރަންވާނެއެވެ. އެހެނީ އެމީހަކު މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތް ވެފައެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި އެމީހަކަށް އަމިއްލައަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ.
މިޘާލަކަށް!: "ޔާ ﷲ! މިއަޅާގެ މައިންބަފައިންނަށާއި، ޢާއިލާގެ އެންމެންނަށާއި މިއަޅާވެސް ހިމަނުއްވަވައި ދެއްވަވައި ދުނިޔޭގައި ތިބި ހުރިހާ މުސްލިމުންނަށާއި މަރުވެގޮސްފައިވާ ހުރިހާ މުސްލިމުންނަށް ފާފަފުއްސަވައިދެއްވަވާނެދޭވެ!" ފަދަ ޢިބާރާތްތަކުން ދުޢާކުރާށެވެ. އެއިރުން އެއެންމެންގެ ފަރާތުން މަލާއިކަތުން އެމީހަކަށްޓަކައި ހަމައެފަދައިން ދުޢާކޮށްދެއްވަވާނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން