ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިމާލްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ނިމާލް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ކުޅަދާނަ ފަންނާނު އަޙްމަދު ނިމާލް ނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ނިމާލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، "ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވަން" ކަމަށެވެ.
އަޙްމަދު ނިމާލަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ފަންނާނެކެވެ. އޭނާ ވަނީ ފިލްމު ކުޅުމުގެ އިތުރުން ޑައިރެކްޝަންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.