ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެއްހަމަޔަކުން ޖަމާކުރާނީ އޭގެ ޙައްޤުވެރިންގެ ބޭންކް އެކައުންޓަށް: ޒަކާތު ހައުސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެއްހަމަޔަކުން ޖަމާކުރާނީ އޭގެ ޙައްޤުވެރިންގެ ބޭންކް އެކައުންޓަށް: ޒަކާތު ހައުސް

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ، އޭގެ ޙައްޤުވެރިންގެ މެދުގައި އެއްހަމަޔަކުން ބެހުމަށްޓަކައި، ހުރިހާ ބެހެނިވެރިންގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ގޮތަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި ބަދަލާއެކު ޒަކާތް ބެހުމުގައި މީގެކުރިން ގެންގުޅުނު އުސޫލަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ފިޠުރު ޒަކާތް ބަހަމުން އައީ އެރަށަކުން ލިބޭ އެއްޗެއް އެރަށެއްގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް އެގޮތަށް ޒަކާތް ބެހުމުން ބައެއް ރަށްރަށުގެ ފަޤީރުންނަށް ލިބެނީ ވަރަށް މަދު މިންވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމްތިޠާއު ވިދާޅުވީ ކުރީގެ އުސޫލުގެ ސަބަބުން ޒަކާތް ބެހުމުގައި ފަޤީރުންނާއި މިސްކީނުންގެ މެދުގައި ތަފާތުކުރުންތަކެއް ހުންނަ ކަމަށެވެ. "ހުރިހާ ބެހެނިވެރިންނަށް ހަމަހަމައަށް ފައިސާ ބެހުމުގެ ސަބަބުން އެމީހުންނަށް ކުރާ ފައިދާވެސް އިތުރުވެގެންދޭ،" އޭނާ ވިދާޅުވިއެވެ. މި އާ އުސޫލުގެ ދަށުން ރާއްޖޭގެ ހުރިހާ ބެހެނިވެރިންނަށްވެސް ލިބިގެންދާނީ އެއްވަރެއްގެ މިންވަރެކެވެ.

ޒަކާތް ދެއްކުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމްތިޠާއު ވިދާޅުވީ، އޮންލައިން ޕްލެޓްފޯމްތަކުންވެސް މިހާރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި ގޮވާމުން ޒަކާތް ބަލައިގަތުމަށްފަހު، އޭގެ ޙައްޤުވެރިންނަށް ބަހައި، ބާކީ ހުންނަ ތަކެތި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާޢީ މަރުކަޒުތަކަށް ހަދިޔާކުރާނެ ކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.

މި ބަދަލަކީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ޒަކާތުގެ މަންފާ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒަކާތު ހައުސްއިން ސިފަކުރެއެވެ.

މިއަދު އޮންލައިން