ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ (ވޯކް ފްރޮމް ހޯމް) އުސޫލެއް ކަނޑައަޅައި، ސިވިލް ސަރވިސްގެ ގަވާއިދަށް މުހިންމު އިސްލާޙުތަކެއް ގެނެސްފިއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ނިންމި ނިންމުމެކެވެ.
މި ބަދަލަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ފުރުޞަތު ދިނުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ވަނީ ބޭނުންވާ އުސޫލުތައް އެކުލަވާލާފައެވެ. އައު އިސްލާޙުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރުމަށް އެދިއްޖެ ހާލަތެއްގައި، އެ ހުއްދަ ދޭންވާނެއެވެ.
މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަނީ ތިން ދަރަޖައަކަށް ބަހާލާފައެވެ. އެއީ އާންމު ދިރިއުޅުމުގެ ކަންކަމުގައި އެހެން މީހެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކާއި، މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އުޅެވޭ ފަރާތްތަކެވެ. މީގެ ތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ، އެހެން މީހެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އޮފީހަށް ހާޒިރުނުވެ ގޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ހުއްދަ ދޫކުރުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ހާލަތާއި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ. އަދި އެ ފަރާތަކީ ކަމާބެހޭ އިދާރާއެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ މުވައްޒަފަކު ކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭނެ ފަދަ މަސައްކަތެއްކަން އޮފީހުން ކަށަވަރުކުރަންޖެހޭނެއެވެ. އަދި ގޭގައި މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ހުރިކަން ކަށަވަރުކުރުމަކީވެސް މި އުސޫލުގެ ދަށުން ކުރަންޖެހޭނެ ކަމެކެވެ. މި ބަދަލުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބެލެނިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.