"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިއަހަރުގެ އޮކްޓޯބަރުމަހު ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިއަހަރުގެ އޮކްޓޯބަރުމަހު ބާއްވަނީ

ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

ބީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވޭ މުހިންމު ފުރުސަތެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ޚާއްޞަ މަޢުރަޒެކެވެ.

މި މަޢުރަޒު ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ މުޅި ރާއްޖެއަށް ޑިޖިޓަލް ވަސީލަތްތައް ފުޅާކޮށް، އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި އޮތް ފުރުސަތުތައް އިތުރުވެގެންދާނެއެވެ.

އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާ ހަވާލާދީ ބީސީސީން ވިދާޅުވީ، މިއަހަރުގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލާނެ ކަމަށެވެ. އެހެންކަމުން، މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް އެ ކޯޕަރޭޝަނުން ބާރުއަޅުއްވައެވެ.

މިއަދު އޮންލައިން