ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
ބީއެމްއެލްގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހެޅުމަށެވެ. މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ހުށަހަޅާނެއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މި އަދަދު ފައިނަލް ކުރާނީ ކުރިއަށް އޮތް ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.
މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނުމަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެއެވެ.
ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ނިންމުމުގެ ބޭނުމެއް ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.