ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު 30 އެޕްރީލް އާ ހަމައަށް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު 30 އެޕްރީލް އާ ހަމައަށް އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު، އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިންނެވެ.

ބޯހިޔާވަހިކަމުގެ މި ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގައެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 4 ވަނަ ދުވަހަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައި އޮތީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް، މިހާރު ވަނީ މި ދެ ބަޔަށްވެސް އެދި ހުށަހެޅުމުގެ މުއްދަތު އެއް ތާރީޚަކަށް އިތުރުކޮށްފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު 30 އެޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ކެޓަގަރީތަކަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން