މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގިރާވަރު ފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، ގިރާވަރު ފަޅުން މިހާރު ކުރިއަށްދާ 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކާ ނިންމާފައެވެ. މިއީ މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ ޖުމްލަ ބިމުގެ 15.44 އިންސައްތައެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރު ފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ކުރިން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބައެވެ. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން މިހާރު 2 ޑްރެޖަރު ބޭނުންކުރަމުންދާ ކަމަށް އެ ކުންފުންޏާއި ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މާލެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމިގެންދާނެ އެއް ތަނަކީ ގިރާވަރު ފަޅު ކަމަށެވެ. ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރިއަށްދާތީ، ކުރިއަށް އޮތް ތަނުގައި ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
ގިރާވަރު ފަޅަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ. މި ފަޅުން ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.