ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފި

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން މިއަދު އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން، ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް (ޕީ.ޕީ.ޕީ) މޮޑެލްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެކި ފަންތިއަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރައްވައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 1000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތީ ފެންވަރަކަށް ތަރައްޤީކުރާ ކެޓަގަރީއެއްގެ ބޯހިޔާވަހިކަމެކެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މިއީ ރާއްޖޭގެ ކުންފުނިތަކަށް މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ނިންމާފައިވާ ނިންމުމެކެވެ.

މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މި މަޝްރޫޢަކީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

މިއަދު އޮންލައިން