ބ. ކެންދޫގައި އަލަށް ބިނާކުރި އިންޖީނުގެ ރަސްމީކޮށް ހުޅުވައި، އެ ރަށުގެ ކަރަންޓުގެ ޚިދުމަތަށް އައު ފެށުމެއް ގެނެސްފިއެވެ. މި އައު އިންޖީނުގެ ހުޅުވުމަށްޓަކައި މިއަދު ކެންދޫގައި ޚާއްސަ ރަސްމިއްޔަތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އައު އިންޖީނުގެ ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ. މި މަޝްރޫޢަކީ ކެންދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
ކެންދޫގެ އައު އިންޖީނުގެ ބިނާކުރުމުގެ މަސައްކަތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ފެނަކައިން މި މަސައްކަތް ސަބް ކޮންޓްރެކްޓް އުޞޫލުން ސީ ސައިޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 11 ޖުލައި 2021 ގައެވެ.
މި އައު އިންޖީނުގެއާއެކު ކެންދޫގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.