ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި "ދިވެހީންގެ ރާއްޖެ ތަރީވީސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އޮތް "ލޫޕްހޯލް" ތައް ބަންދުކުރެއްވުމެވެ. މިއީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގައުމުގެ ސިޔާދަތާއި، ސަރަހައްދާއި، އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. "ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވޭ،" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެއީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި މިންވަރަށް މަސައްކަތް ކޮށްފައި ނުވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.