އަނބިމީހާގެ ކޮއްކޮއާ ލޯބީގެ ގޮތުން ގުޅި އަނބިމީހާއަށް ދެމުންދިއަ އަނިޔާއިން އަނބިމީހާއާއި ބަނޑުގަ އޮތްދަރިފުޅު ނިޔާވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
އަނބިމީހާގެ ކޮއްކޮއާ ލޯބީގެ ގޮތުން ގުޅި އަނބިމީހާއަށް ދެމުންދިއަ އަނިޔާއިން އަނބިމީހާއާއި ބަނޑުގަ އޮތްދަރިފުޅު ނިޔާވި
ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 3 ދަރިން ވަނީ ލިބިފައެވެ. ހަގުދަރިފުޅަށް އަދި އަހަރުވެސް ނުވެއެވެ. ފިރިމީހާ މިހާރު އުޅެނީ އަޅުގަނޑުގެ ކޮއްކޮއާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. ކޮއްކޮވެސް ހުރީ މޮޔަވެފައެވެ. ފިރިމިހާއަކީ ތަނަވަސް މީހަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. ދެމީހުން އަޅުގަނޑަސް ފެންނަ ގޮތަށްވެސް ކަންކަން ކުރެއެވެ.  

ވަރިއަށް އެތައް ފަހަރަކު އެދިއްޖައިމެވެ. ބުނަނީ ދަރިން ބައިތިއްބާފައި ދާނެނަމަ ވަރިކުރާނެ ކަމަށެވެ. އެހެން އެބުނަނީ ދަރިން ދޫކޮށްފައި ނުދާނެކަން އެނގޭތީއެވެ. އަޅުގަނޑަށް މިހާރު ވިސްނެނީ ބޭނުންވެގެން އެއުޅެނީ މިހެން ބައިންދައިގެން އަޅުގަނޑު މޮޔަކޮށްލަން ކަމަށެވެ. އެޙާލު ނުޖެހި މިއިނދެވެނީ ހަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. 

މިއީ ކިޔުންތެރިއަކު ވިދާޅުވެފައިވާ ވާހަކަކޮޅެކެވެ. މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެކެވެ. ކޮއްކޮޢާއި ދެމީހުން ލޯބީގެ ގޮތުން ގުޅިއްޖެނަމަ އަނިޔާކުރަން ނޫނީ ދައްތަ ވަރިނުކުރަންވީ ސަބަބެއް ނެތެވެ. ދެބެއިންނާއި އެއްފަހަރާ ކައިވެނިނުކުރެވޭނެތީއެވެ.  

ތިރީގައި އެވަނީ މިފަދަ ވަރަށް އަސަރުގަދަ ޙާދިސާއެއްގެ ވާހަކައެވެ.

މިއީ ފައިރޫޒާ މުޅި ދުނިޔެއަށް ޚާއްޞަކޮށް ހުރިހާ އަންހެނުންނަށް ކިޔައިދީފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިއީ ޕާކިސްތާނުގައި ހިނގާފައިވާ ކަމެއް ނަމަވެސް މިބާވަތުގެ ދަށު ދަރަޖައިގެ ޢަމަލުތައް އެކި މިންވަރަށް އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް ދަނީ ހިނގަމުންނެވެ.  

ލޯބީގެ އަވާގައި ޖެހެވުމުން ރަޙިމުގެ ގުޅުމަށް ފަރުވާލެއް ނުބެހެއްޓޭ ރަޙުމެއް ކުލުނެއް ނުބެހެއްޓޭކަމުގެ ހިތްދަތިކަން އުފުލަންޖެހުމަކީ ހަމަ ޢާންމު ކަމެކެވެ. ވީމާ ތިރީގައިވާ ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

މިހިރީ ދައްކަން ލަދުވެތިވެސް ވާހަކައެވެ. ނަމަވެސް ކަންކަން ހިނގަމުންދާ ގޮތެވެ. އަޑުއައްސަވާށެވެ!  

އަޅުގަނޑުގެ ދެބެންގެ ދެދަރި ދައްތައެއްގެ ފިރިމީހާ އާއި ދައްތަގެ ކޮއްކޮ ލޯބީގެ ގޮތުން ގުޅުން ހިންގާކަން ފަޅާއެރީ ދައްތަ ބަލިވެއިނދެ ބަނޑަށް 6 މަހުގައެވެ. ދައްތަ ބޭނުންވީ އެހިސާބުން ފިރިމީހާ ދޫކޮށްލައި އެނބުރި މައިންބަފައިންގެ ގާތަށްދާށެވެ.  

ފިރިމީހާ އެކަމަށް ހުރަސްއެޅިއެވެ. ގޭގެ ކޮޓަރިއަކަށްލައި ދައްތަ ތަޅުލިއެވެ. ފޯނު އަތުލައި އެއްވެސް މީހަކާއި ނުގުޅޭނެ ގޮތް ހެދިއެވެ. އެހާލުގައި ބައިންދައިގެން ކާންދިނީ ކިރިޔާ ފުދޭ މިންވަރަކަށެވެ. ބަލިވެ އުޅުނުއިރު ޑޮކްޓަރަކަށްވެސް ނުދައްކައެވެ. ބޭސްދިނީ އަމިއްލައަށެވެ. މިހުރިހާ އަނިޔާއެއް ދިނީ ވިހެއުމުން ދަރިފުޅު އަތުލައިގެން ދެމީހުން ފިލުމުގެ ބޭނުމުގައެވެ.  

ވިހަން ބަނޑުގައި ރިއްސަން ފެށުމުން ފުރަތަމަ މަސައްކަތްކުރީ މީހަކު ގެނެސްގެން ގޭގައި ވިއްސުމަށެވެ. ނަމަވެސް ދައްތަގެ ޙާލު ސީރިއަސްވުމުން ޖެހުނީ ހޮސްޕުޓަލަށް ގެންދާށެވެ. ހޮސްޕިޓަލަށް ގެންދިއަތަނާހެން ދެމައިން އެކުގައި ނިޔާވީއެވެ. ކަންކަން މެދުވެރިވި ގޮތް ފަޅާއެރީ ޑޮކްޓަރުންގެ ރިޕޯޓްތަކާއިގުޅިގެން ފުލުހުން ކުރި ތަޙްޤީޤުންނެވެ.  

ނިކަން ބުނެބަލާށެވެ! އެދެމައިން މަރުވި ގޮތުގެ ޒިންމާ ނަގަން ފިރިމީހާއަށާއި ދައްތަގެ ކޮއްކޮއަށް ނުޖެހޭނެތޯއެވެ؟ މަރުވީ ހޮސްޕިޓަލުގައި ނަމަވެސް އެކަން ވާނީ ޤަޞްދުގައި ދިން އަނިޔާއަކަށް ނޫންތޯއެވެ؟  

އެދެމީހުން ކައިވެނިކުރަން ބޭނުންވާއިރު ދައްތަ ދޫކޮށްލާފައި ކައިވެނިކުރިނަމަ އެއަނިޔާ ދައްތައަކަށް ނުލިބުނީހެއްޔެވެ. އަދި އެއީ އެހައި ހަޑިމުޑުދާރުކަމަކަށްނުވީހެވެ. މީހުން ވަރިކުރެއެވެ. ކޮއްކޮއިންނާ އަދި ދައްތައިންނާއިވެސް ކައިވެނިކުރެއެވެ. ރީތި ގޮތުގައި އެކަން ކުރެވެން އޮންނައިރު އެންމެ އަނިޔާވެރިގޮތް އިންސާނުން މިއިޚްތިޔާރުކުރަނީ ކީއްވެގެންބާވައެވެ!  

މުޅި އިންސާނިއްޔަތަށް އާދޭސްކޮށްފައި ބުނަމެވެ. ދެމީހަކު ލޯބިވެއްޖެ ނަމަ އަވަހަށް ކައިވެނިކުރާށެވެ! އަނެކާއަށް އަނިޔާވެރިނުވާށެވެ! މަރުނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ﷲ ގެ ޙަޟްރަތުގައި ހުއްޓިހުންނަން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ދައްތަ މަރުވީ ވިހެއުމުގެ ތެރޭގައެވެ. ވީމާ އެއީ ޝަހީދުމަރެކެވެ. އިން ޝާ ﷲ. ދައްތަގެ ނަޞީބުގަދައީއެވެ. ދައްތައަށް ސުވަރުގެއެވެ. އިން ޝާ ﷲ  

އެއްވެސް މީހަކަށް ދެރަގޮތެއް ވުމުން އުފާކުރަނީއެއް ނޫނެވެ. ނަމަވެސް އެދެމީހުންނަށް މިހާރު ކޯޓުންވަނީ މާފުނުލިބޭ ގޮތަށް 25 އަހަރުގެ ޖަލުޙުކުމެއް އިއްވައިފައެވެ. ދުނިޔެމަތީގައިވެސް އެދަނީ ވޭން އުފުލަމުންނެވެ. ﷲ ގެ ޝަޒާއިން ދުނިޔޭގައިވެސް މިންޖުނުވެވޭނެކަމަށް ބުނެވެނީ މިހެންވެގެންނެވެ.   

މިއީ ދައްކަން ލަދުވެތި ވާހަކައެއް ކަމަށް ފަށަމުން ބުނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ދައްތަ މަރުވާން ޖެހުމުގެ އެއް ހިއްޞާދާރަކީ ހަމަ އަންހެނެކެވެ. އަންހެނެއްގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެވެ. ދުރުހިލޭ ނަމަވެސް އަންހެނަކު އަންހެނަކަށް މިފަދަ ބޮޑު އަނިޔާއެއް ދިނުމަށްވުރެ ލަދުވެތިކަންބޮޑު ކަމަކީ ކޮބައިހެއްޔެވެ؟

ކިތަންމެ ވަރަކަށް ލަދުގަތް ނަމަވެސް މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ކިޔާ އެންމެ މީހަކަށްވެސް އަސަރެއްކޮށް ޢަމަލުތައް އިޞްލާޙްކޮށްފާނެ ކަމުގެ އުންމީދުގައެވެ. އިންސާނިއްޔަތަށް ފައިދާއެއްކޮށްފާނެކަމުގެ އުންމީދުގައެވެ.

 

- ފައިރޫޒާ / އިސްލާމް އާބާދު ، ޕާކިސްތާން  

މިއަދު އޮންލައިން