ކައިވެނީގަ މައްސަލައެއް ނުޖެހި އެކުގައި އުޅެމުން، ލޯބޮިވާކަން ދައްކަމުންވެސް ބައިވެރިޔާ މަރާލުން ފަދަ ކަންކަން ކުރާ ވާހަކަ އެއީ ހަމަ ޙަޤީޤަތެއްބާ! އެހެންކަމަށްވާނަމަ އިތުބާރުކުރެވޭނީ ކާކަށްތަ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހުރިހާ ބާވަތެއްގެ މީހުންވެސް ތިބޭނެކަން ޤަބޫލުކުރާށެވެ. ތިއަފާހަގަކުރީވެސް މަދުން ނަމަވެސް ހިނގާ ކަމެކެވެ. ދެން އޮތީ އިތުބާރުކުރުމެވެ. އެންމެންނަށްވެސް އިތުބާރުކުރާށެވެ. ނަމަވެސް އިމެއްގެ ތެރެއިންނެވެ. އޮތީ އަބަދުވެސް ސަމާލުވެގެން ހުރުމެވެ.
ހަމައެޢާއިއެކު ޛިކުރުތައްކޮށް ދުޢާކުރުންމަތީގައި ދެމިހުންނާށެވެ. ކުރިމަތިވާ ކަންކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ވަރަށް ރަނގަޅު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އިންސާނުންގެ ތެރޭގައި ހުރިހާ ވައްތަރެއްގެ މީހުންވެސް އުޅޭނެއެވެ. އެގޮތުން އަނބިމީހާ ދެކެ ލޯބިވާވަރުން، އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކިޑްނީފަދަ ގުނަވަންތައް އަނބިމީހާއަށް ހަދިޔާކުރާ ފިރިންވެސް އެބަތިއްބެވެ. މިފަދަ ބައެއް ފިރިންގެ ވާހަކަތައް މިއަދުނޫހުން ވާނީ ގެނެސްދީފައެވެ.
ތިރީގައި އެވާ ވާހަކައަކީ އެއިގެ މުޅިން އިދިކޮޅު ފިރިއެއްގެ ވާހަކައެކެވެ. ލޯބިވެރިޔާ އާއި ދެމީހުން އުޅުމަށްޓަކައި އަނބިމީހާގެ ގެ ދަމައިގަތުމުގެ ބޭނުމުގައި އަނބިމީހާ އަވަހަށް މަރާލަން މަސައްކަތްކުރި ފިރިއެއްގެ ވާހަކައެވެ.
ބައެއް ޙާލަތްތަކުގައި ނުބައި ފިރިންނާއި އަދި ނުބައި އަނބިންނާއި ވެސް ބައްދަލުވާނެއެވެ. އެއީ ދުނިޔެ ދުނިޔެއަކަށްވާނީ ނުބައިމީހުންނާއި ރަނގަޅުމީހުންވެސް ތިބެގެންކަމަށްވާތީއެވެ. އެހެންވެ ރަނގަޅު މީހުންނާއި ރަނގަޅު މީހުންވެސް ބައްދަލުވާނެއެވެ. ރަނގަޅު މީހުންނާއި ނުބައި މީހުންވެސް ބައްދަލުވާނެއެވެ. ނުބައި މީހުންނާއި ނުބައި މީހުންވެސް ބައްދަލުވާނެއެވެ.
އެހެނެކަމާއިއެކުވެސް އަޅުގަނޑުގެ މިވާހަކަކޮޅު އަޑުއައްސަވައިލައްވާށެވެ. އާދައާ ޚިލާފް ކަމަކަށް އަދި ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ ކައިވެނީގެ ވަރަށް ކުރީކޮޅު އާދައާއި ޚިލާފަށް ބަލިވާން ފެށިއެވެ. ވާގޮތެއް ނުއެނގެއެވެ. ވަރުބަލިވަނީއެވެ. ތެދުވެއުޅެން އުނދަގޫވަނީއެވެ. ކޮންމެއަކަސް ކައިވެންޏަށް ހަވަނަ މަހު މާބޮޑަށް، މާގިނައިން ބަލިވާންފަށައިފިއެވެ. އެހެންވެ ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ފިރިމީހާ ގާތުބުނުމުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.
އެހެންވެ އެންމެ ގާތް އެކުވެރިޔާއަށް ގުޅައިލީމެވެ. އޭނާއަށް ބުނެވުނީ އަޅުގަނޑަށް ފޯނުކުރެވުނީ އުނދަގޫތަކެއް އިޙްޞާޞްވާތީ އޭނާވެސް އަޅުގަނޑަށް ގުޅަން ބޭނުންވެގެން ފޯނުނެގިތަނާ ކަމަށެވެ. އަދި ވަރަށް އަވަހަށް ބައްދަލުކުރަން ބޭނުންކަމަށްވެސް ބުންޏެވެ.
އޭނާ ގެއަށް އައީ ހަވީރުއެވެ. ދެމީހުން އެކުގައި ދިއައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ޓެސްޓްތައް ހަދާފައިބުނީ އާދައާ ޚިލާފަށް އަޅުގަނޑު ބަލިކަށިވެފައިވާ ކަމަށެވެ. އަދި އިތުރު ޓެސްޓްތަކެއް ހަދާފައި ބުނީ އެކަން މެދުވެރިވަމުން އަންނަނީ އަޅުގަނޑަށް ކެވޭ ނުވަތަ ބޮވޭ އެއްޗަކުން ކަމަށެވެ. ކެއުމާއިބުއިން އަވަހަށް ބަދަލުކުރުމަށެވެ. އަދި ފަރުވާކުރުމަށް ސަމާލުކަން ދިނުމަށެވެ.
އަޅުގަނޑަކީ ބޭރުން ކައިއުޅޭ އަންހެނަކީމެއް ނޫނެވެ. ކަނީ އަމިއްލައަށް ކައްކައިގެންނެވެ. ހަމަ ފައިދާހުރިތަކެއްޗެވެ. ވީމާ ބަދަލުކުރަންވީ ކަމެއް ނުއެނގުނެވެ. ކާތަކެތި ޑޮކްޓަރުންނަށް ކިޔައިދިނުމުން ޑޮކްޓަރުންނަށްވެސް އުނިކުރަންވީ އެއްޗެއް ބުނެއެއް ނުދެވުނެވެ.
ކޮންމެއަކަސް އަހަރެމެން އިންސާނުންނަކީ ﷲ އެންގެވިކަމެއް ނޫނީ އެނގޭނެ ބައެއް ނޫންކަމުން މިކަމުގައި ޙައްލެއް ދައްކަވައިދެއްވެވުން އެދި ދުޢާކުރަން ފެށީމެވެ. ދުޢާކުރަންފެށިތާ 3 ވަނަ ދުވަހު ކަމުގެ ޙަޤީޤަތް އެނގިއްޖެއެވެ. ފިރިމީހާގެ ފޯނުން ފެނުނު މެސެޖުތަކަކުންނެވެ.
އަޅުގަނޑަށް މައިންބަފައިންގެ ކިބައިން ވާރުތަވެފައިވާ ގެއެއް ހުރެއެވެ. ދިރިއުޅެނީ އެގޭގައެވެ. ފިރިމިހާއަށް ކޮންމެވެސް މީހަކު ވިސްނައިދީފައި އޮތީ އަޅުގަނޑަށް ހެޔޮކޮށް ކަންކަންކުރަނިކޮށް އަޅުގަނޑުގެ ބަލި ބޮޑުވެ ތަންމަތިވެއްޖެނަމަ އަޅުގަނޑުގެ ބޮލަށް އެރިގެން އަޅުގަނޑުގެ ގެ ފިރިމީހާއަށް ލިބޭނެ ގޮތަށް ލިޔުމެއްގައި ސޮއިކުރުވައިފިނަމަ ގެ އޭނާއަށް ގެލިބިދާނެ ކަމަށެވެ.
ފިރިމީހާގެ އެހެން ލޯބިވެރިއަކު ވެސް ހުރެއެވެ. އެހެންވެ ދެމީހުން ގުޅިގެން މިކުރާ ކަމަކީ މަޑުމަޑުން އަޅުގަނޑު ބަލިކަށިވެ އަޅުގަނޑުގެ ޙާލުދެރަވެ އެބަލީގައި އަޅުގަނޑު މަރުވެދާނެ ވިހަބޭހެއް އަޅުގަނޑުގެ ކާނާއަށް އެއްކުރަނީއެވެ. އަޅުގަނޑުގެ ޞިއްޙަތު ދެރަވަމުން މިއަންނަނީ އެކަމުގެ ސަބަބުންނެވެ.
މެސެޖުތައް ފެނުމާއިއެކު ވަގުތުން ބޭބެއަށް ގުޅައިގެން ގެނުވައި މިވާހަކަތައް ކިޔައިދިނީމެވެ. އަދި އަޅުގަނޑުގެ ފޯނަށް ނަގާފައިހުރި އެމެސެޖުތައް ދެއްކީމެވެ. ބޭބެ ވަގުތުން ގޮސް ފިރިމީހާ ހޯދައިގެން ގެއަށް ގެނެސް ސުވާލުކުރުމުން ފުރަތަމަ ހެދީ ދޮގެވެ. ނަމަވެސް ބޭބެ އޭނާގެ ފޯނުއަތުލައި އޭނާލައްވާ ފޯނުހުޅުވައި އެ މެސެޖުތައް ދެއްކުމުން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ބޭބެ ގުޅައިގެން ޢާއިލާގެ އެހެންމީހުންވެސް ގެއަށް ގެނުވިއެވެ. އެންމެންވެސް ބޭނުންވީ ވަގުތުން ވަރިކޮށްފައި އޭނާ ގެއިން ނުކުތުމަށެވެ. އެކަން ނުކުރާނަމަ ފުލުހުންނާއި ޙަވާލުކުރާނެކަމަށް ބުނުމުން ވަގުތުން ވަރިކޮށް ގެއިން ނުކުމެއްޖެއެވެ.
އަޅުގަނޑަށް ކުރިމަތިވި ޙާލަތުން އަރައިގަނެވުނީ 2 އަހަރު ދުވަހު ބޭސްކުރިފަހުންނެވެ. ބަލިން އަރައިގަނެވުނު ނަމަވެސް އަޅުގަނޑު ފިރިހެނުންދެކެ ވަރަށް ބިރުގަނެއެވެ. އެހެންވެ އިތުރު ކައިވެންޏެއް ނުކުރަންވެސް ހުރީ ނިންމައިގެންނެވެ. ނަމަވެސް ބޭބެމެން ދިން ހިތްވަރާއި ފޯރުކޮށްދިން އެހީތެރިކަމުން އަޅުގަނޑުގެ ވިސްނުން ބަދަލުވެ ބޭބެމެން ދެއްކި މީހަކާއި ކައިވެނިކުރީއެވެ.
އޭނާއަކީ ވަރަށް ތަޤްވާވެރި ފިރިއެކެވެ. ކައިވެންޏަށް 12 އަހަރުވީއެވެ. ފުރަތަމަ ދުވަހާއި އެއްގޮތަށް މިހާރުވެސް އަޅުގަނޑަށް ލޯތްބާއި އަޅާލުން ދެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ދުނިޔޭގެ މިޙަޔާތުގައި ކޮންމެވަގުތަކުވެސް ކޮންމެ ކަމެއްވެސް ކުރިމަތިވެދާނެއެވެ. ވީމާ އަބަދުވެސް ތިމާގެ ދެއަތް ﷲ ތަޢާލާއަށް އުފުލައިލެވޭނެ ޙާލަތުގައި ހުންނާށެވެ. ކުރިމަތިވާ ކޮންމެކަމަކުންވެސް އެއިރުން ސަލާމަތްކުރައްވަވާނެއެވެ. އިން ޝާ ﷲ
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް