ރަށްރަށުގައި ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތުގެ 78 އިންސައްތަ ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރަށްރަށުގައި ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތުގެ 78 އިންސައްތަ ނިންމައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ގާއިމްކުރަމުންދާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، މިހާތަނަށް މުޅި މަޝްރޫއުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ކަށަވަރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބައެއް ރަށްރަށުގައި ފައުންޑޭޝަން އެޅުމާއި، ބިމުގެ އަޑީގައި ވަޅުލަންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްތަކެވެ.

ސްޓޭޓް މިނިސްޓަރ ހާރިސް އިތުރަށް ވިދާޅުވީ، "މަސައްކަތުގެ 78 އިންސައްތަ ފިޒިކަލް މަސައްކަތް މިހާރު ނިމިފައި ވަނީ. އޭގެތެރޭގައި ފިޒިކަލީ ގެންދަންޖެހޭ ސާމާނުތައް ރާއްޖެ ގެނެސް ރަށްރަށަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ކުރެވެމުން ދަނީ." މި މަޝްރޫޢުގެ ދަށުން ފުރަތަމަ ސްކިޑް ރ. ދުވާފަރުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވަނީ ހުޅުވާފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ހެޔޮ އަގުގައި ނުވަތަ "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ތެލުގެ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން