މާލޭގެ މުހިންމު ބައެއް މައިޒާންތައް ކަމަށްވާ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދު މަރާމާތުކޮށް، ކުރިއަށް އޮތް ފިތުރު އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި "ދިވެހިންގެރާއްޖެ ތަރާވީސް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ޕާކުތައް ވީރާނާވެފައިވާތީ، އެތަންތަން އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށީ މީގެ ދެ މަހެއްހާ ދުވަހުގެ ކުރިން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކަމުގައިވީ ނަމަވެސް، އެ މަސައްކަތްތައް ނުކޮށް ހުރުމުގެ ސަބަބުން މާލޭގެ ގިނަ މައިޒާންތަކެއް އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. "ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި، ސުނާމީ ބިނާ، މިއީ ކުރިން ރީތިކޮށް ހަދާފައި ހުރި ތަންތަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލުން ޒިންމާ އަދާނުކުރުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބިފައިވާ ކަމަށާއި، އެހެންކަމުން މިހާރު ސަރުކާރުން އެ މަސައްކަތްތަކާ ހަވާލުވެ ކުރިއަށްގެންދާ ކަމަށެވެ.
މަރާމާތުގެ މަސައްކަތްތައް ނިންމައި، ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން އީދު ބަންދާ ދިމާކޮށް ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ ސަބަބުން އީދު ބަންދުގައި މާލޭގައި ތިބޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.