ޕަބްލިކް ވޯކްސް ޔުނިޓްތައް ރާއްޖޭގެ 19 ސަރަހައްދެއްގައި ތަރަައްޤީކުރުމުގެ މަސައްކަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޕަބްލިކް ވޯކްސް ޔުނިޓްތައް ރާއްޖޭގެ 19 ސަރަހައްދެއްގައި ތަރަައްޤީކުރުމުގެ މަސައްކަތް ފަށަނީ

ރާއްޖޭގެ 19 ސަރަހައްދެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މުނިސިޕަލް ޚިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހުރި 7 ޔުނިޓުގެ އިތުރުން އަލަށް 19 ޔުނިޓެއް ޤާއިމްކުރުމަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި ޔުނިޓުތައް ޤާއިމްކުރެވުމުން އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ އާންމު މަސައްކަތްތަކާއި މުނިސިޕަލް ޚިދުމަތްތައް އަވަސްކަމާއެކު ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ކޮންމެ ޔުނިޓެއްގައި ތިއްބަވާ ބޭފުޅުންގެ އަދަދާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މިވަނީ ކަނޑައެޅިފައި. މިހާރު އަޅުގަނޑުމެންވާނީ އެ ވަސީލަތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީގައި ދަންނަވާފައި. އުންމީދު ކުރެވެނީ ކުރިއަށް އޮތް 2 މަހެއްހާ ދުވަސްތެރޭގައި ތަކެތި ލިބޭނެކަމަށް. އަދި އެއިރަށް ވާއިރު އެތަންތަނަށް ބޭނުންވާ މީހުން ނެގުމުގެ މަސައްކަތްވެސް ފައްޓާނަން."

މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށެއްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި ޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައެވެ.

މިއަދު އޮންލައިން