ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި 10 އަހަރުގެ ދަރިފުޅުގެ ވީޑިއޯއެއް ނަގައި، ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ފަހަތުގައި ތިއްބެވީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ކަމަށް ވަޒީރު ތުހުމަތު ކުރައްވައިފިއެވެ.
ވަޒީރު އިޙްސާން މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިފުޅު މަގުމަތިން ދަނިކޮށް ނަގާފައިވާ އެ ވީޑިއޯ ފަހުން ވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން މީސްމީޑިއާގައި އާއްމުކޮށްފައި ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މާލޭގެ މަގެއްގެ މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ހިނގާފައި ދާ މަންޒަރެވެ. އެމީހުންގެ ކައިރީގައި ފިރިހެނަކު ހުންނަތަން ފެންނައިރު، އިދިކޮޅު ފަރާތްތަކުން ވަނީ އެމީހަކީ ވަޒީރުގެ އާއިލާއަށް ދީފައިވާ ބޮޑީގާޑެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. ނަމަވެސް ވަޒީރު ވަނީ އެކަން ދޮގުކުރައްވައި، މިއީ ސިޔާސީ ބޭނުމަކަށް ކުރި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މި ފުޓޭޖުން ފެންނަނީ ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ. "ޒަމާނުންސުރެ އެމްޑީޕީއަކީ މުޖުތަމައު ބައިބައިކުރުމާ، ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއް،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެމްޑީޕީއަކީ ކުޑަކުދިންގެ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރާ ކަމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ނަމަވެސް، އެޕާޓީން އަމަލީ ގޮތުން ކުރަމުން ދަނީ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކަމަށެވެ. އަދި މިއީ އެ ޕާޓީގެ ފަރާތުން އަބަދުވެސް ފެންނަ އާދައެއް ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.