ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން: ވަޒީރު އަމީން

ސަރުކާރުގެ ޕްލޭނަކީ ބ. ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާއި، އެއާޕޯޓްގެ ތަރައްޤީއަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި މީޑިއާގައި ފެތުރެމުންދާ އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫނެވެ. ސަރުކާރުގެ އަސްލު ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓްގެ ވަސީލަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "ސަރުކާރުގެ ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޚާއްސަކޮށް ޓާމިނަލް ތަރައްޤީކުރުމަށް އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ދަތުރުވެރީންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވެސް ވަނީ މައުލޫމާތު ސާފުކޮށްދެއްވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. ޚާއްސަކޮށް ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ފަޅު ހިއްކަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި ދަރަވަންދޫ ފަޅު ހިއްކުމާ ގުޅޭ ޕްލޭނެއްގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ކުރެވުނު ނަމަވެސް، އެފަދަ ބިން ހިއްކުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މިހާތަނަށް ނިންމާފައެއް ނުވެ އެވެ. އަދި އެފަދަ ބޮޑު މަޝްރޫޢުއެއް ކުރިއަށް ގެންދާނީ ކަމާގުޅޭ އިދާރާތަކާއި ރަށު ކައުންސިލާ މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރުމަށް ފަހު ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މިއަދު އޮންލައިން