އަޅުގަނޑު އޭނާއާއި ކައިވެނިކުރީ އޭނާއަކީ ތަނަވަސް މީހަކުކަން އެނގިގެނެއް ނޫނެވެ. އޭނާ ދެއްކި ވާހަކަތަކަށް އިތުބާރުކޮށްފައި ލޯބިން ޢުމުރަށް އެކުގައި އުޅެވޭނެ ކަމަށް ބަލައިގެންނެވެ. ކައިވެނިކުރިފަހުން އޭނާއަކީ 2 ފިހާރަ ހިންގާ ތަނަވަސްމީހަކުކަން އެނގުނެވެ. އެކަން އެނގުމަކުންވެސް ދުވަހަކުވެސް އެއްވެސް ކަމަކަށް ނުއެދެމެވެ. މާނައަކީ އަޅުގަނޑަށް އެއްވެސް އެއްޗެއް ދޭކަށް ނުއެދެމެވެ.
ކައިވެންޏަށް 4 އަަހރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. އެއްދުވަހަކު ގެއަށް އައިސް ބުނީ ވިޔަފާރި ބަނގުރޫޓުވެއްޖެކަމަށާއި ގެއަށް ޚަރަދުކުރެވެންވެސް ނެތްކަމަށެވެ. ގޮތެއް ފެނޭތޯ މިދަނީ މަސައްކަތްކުރަމުން ކަމަށާއި ކަންކަން ހަމަޖެހުމުން ހަމައަކަށް އަޅުވާނެ ކަމަށެވެ.
އެހިސާބުން އެއްވެސް ގޮތެއް ނެތިގެން އަވަށްޓެރިއަކަށް މަސައްކަތްކޮށްދޭން ފެށީމެވެ. އެގޮތުން ލިބޭ އެއްޗެއް ބޭނުންކުރަމުން އުޅޭތާ 4 މަސްވެފައި ހުއްޓައި އެގޭގެ މަސައްކަތުގައި އުޅެނިކޮށް ޒުވާން އަންހެނަކު އައެވެ. އެއީ މެޑަމްގެ އެކުވެރިއެކެވެ.
އޭނާ މެޑަމް ގާތުގައި ބުނީ މީހެއްގެ ފިރިއަކާއި ގުޅިގެން އުޅޭކަމަށާއި ގުޅިގެން އުޅެނީ ބޭނުންވަރަކަށް ޚަރަދުކުރާތީ ކަމަށެވެ. މީހުންގެ ފިރިންނާއި ގުޅުމުން މާގިނައިން ޚަރަދުކުރާކަމަށެވެ. މިހާރުވެސް އެޕާޓްމަންޓުގެ ކުއްޔާއި ބިލްތައް ދައްކައިދޭ ކަމަށެވެ. ޚަރަދުކުރާނެ ފައިށާވެސް ދޭކަމަށެވެ.
މެޑަމްގެ ސުވާލުތަކަށް ޖަވާބުދެމުންގޮސް ނިމުނުއިރު އެމީހަކީ އަޅުގަނޑުގެ ފިރިމީހާކަން އެނގުމުން މެޑަމްވެސް ދިއައީ ސިއްސައިގެންނެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނަމެވެ. ހުރިހާ ވާހަކަތަކެއް އަޅުގަނޑަށްވެސް އަޑުއިވުނެވެ. އަޅުގަނޑުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ.
އޭނާ ދިއުމުން މެޑަމް ބުނީ ފރިމީހާއާއި ޒުވާބު ނުކުރުމަށެވެ. ވަރިވެ 2 ކުދިން ގޮވައިގެން އެގެއަށް ބަދަލުވުމަށެވެ. ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ހޯދައިދޭނެ ކަމަށެވެ. މެޑަމްއަށް ޝުކުރުއަދާކޮށްފައި އަޅުގަނޑު އައީއެވެ.
ފިރިމީހާގެ ގާތުގައި ވަރިއަށް އެދޭއިރަށް ވަރިކޮށްފިއެވެ. ހީވަނީ ވަރިއަށް ނުއެދިގެން ހުރީހެންނެވެ. ވަރިކުރީމާ 2 ކުދިން ގޮވައިގެން މެޑަމްގެ ގެއަށް ބަދަލުވީއެވެ. އެގޭގައި ހުރެ ޢިއްދަހަމަވިތަނުން މެޑަމް މީހަކު ދެއްކިއެވެ. އެއީ އަނބިމީހާ މަރުވެފައި ހުރި އެކަނިވެރިއެކެވެ. މެޑަމް ޒިންމާ އުފުލާނެ ކަމަށްބުނުމުން ރުހި ކައިވެނިކުރީއެވެ.
އޭނާގެވެސް 2 ދަރިން ތިބުމުން 4 ކުދިން ބަލަމުން ވަރަށް އުފަލުގައި އުޅެވޭތާ 2 ވަނަ މަހު ކުރީގެ ފިރިމީހާ އަޅުގަނޑު ހޯދަން އައެވެ. ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށް ބުންޏެވެ. އަދި ބަނގުރޫޓު ނުވަނީސް ބަނގުރޫޓުވެއްޖެކަމަށް ބުނެ ކަންތައް ކުރެވުނު ގޮތުގެ ނަތީޖާ ފެނިއްޖެކަމަށްވެސް ބުންޏެވެ. ހިލޭ އަންހެނަކަށް ބޮޑެތި ޚަރަދުތަކެއް ކުރެވުމުން މިހާރު ވަނީ ވަރަށް ބޮޑަށް ބަނގުރީޓުވެފައި ކަމަށްވެސް ބުންޏެވެ.
ބުނީ އޭނާއާއި ކައިވެނިކުރަން އުޅުމުން ދެކޮޅުހެދީކަމަށާއި ގުޅިގެން އުޅުނީ ކައިވެނިކުރަން ނޫންކަމަށާއި ބޭނުންވަރަކަށް ފައިށާލިބޭތީކަމަށް ބުނިކަމަށެވެ. އެހެންވެ މިއައީ 2 ދަރިންނަށްޓަކައި އަލުން ގުޅެން ބޭނުންވެގެން ކަމަށާއި އަނބިމީހާޢަށާއި 2 ދަރިންނަށް ހެޔޮކޮށްހިތައިފިނަމަ އަދިވެސް އަރައިގަނެވިދާނެކަމަށް އުންމީދުކުރާތީ ކަމަށެވެ.
އަޅުގަނޑު ބުނީ ތިއަދިމާވި ކަންކަމަށްޓަކައި ދެރަވެ ހިތާމަކުރާކަމަށެވެ. ނަމަވެސް ލިބިފައި ހުރީ ޖަވާހިރެއް ފަދަ ފިރިއަކަށްވުމުން ވަކިވާން ބޭނުންނުވާ ކަމަށެވެ. ދެމީހުން ކައިވެނި ނުކުރިޔަސް ދަރިންނަށް ހެޔޮކޮށް ހިތިދާނެކަމަށްވެސް ބުނީމެވެ. އެހެން ބުނުމުން ދިއަމީހާގެ ޚަބަރެއް ނުވެއެވެ.
އެއިގެ 2،3 މަސް ފަހުން ފިރިމީހާގެ ކިބައިން އެނގުނީ ބޭންކް ލޯނު ނުދެއްކިގެން 2 ފިހާރައާއި ގެވެސް ވިއްކާލައިފިކަމެވެ. އެވާހަކަ އަޑުއިވުމުން ވަރަށް ދެރަވިއެވެ. އެއީ 2 ދަރިންނަށް ޙައްޤުވާ ގެވެސް ދަރިންނަށް ނުލިބުނީތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ ފިރިން ވަރަށް ގިނަވެއްޖެއެވެ. މުސާރައަށް މަހަކު ހައަކަހާސް ރުފިޔާ ލިބޭއިރުވެސް ނުވަތަ ވަޒީފާއެއް އަދާނުކުރާއިރުވެސް އެންމެ އަގުބޮޑު ސައިކަލު ގަނެގެން ތަނަވަހުގައި އުޅޭ އަންހެނުން ގިނަވަނީ މިފަދަ ފިރިންގެ ސަބަބުންނެވެ. ވީމާ އަޅުގަނޑަށް ކަންތައް ކުރެވުނު ފަދައިން ފިރިމީހާ ބުނާހައި ވާހަކައެއް ޤަބޫލުކޮށް ފުދިގެން ހުރުމާއިމެދު ވިސްނަން އެބަޖެހެއެވެ.
- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް