ކައުންސިލް އިންތިޚާބުގައި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެ: އީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކައުންސިލް އިންތިޚާބުގައި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެ: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދެވެ.

ޞަލާހު ވިދާޅުވީ، ކައުންސިލް އިންތިޚާބުތަކާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނުވަތަ ރިފަރެންޑަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ދޫކުރެވޭނެ ކަމަށެވެ. މިއީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ބަލައި ނިންމާފައިވާ ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އާންމު އިންތިޚާބަކާ އެކުގައި ރިފަރެންޑަމެއް ބޭއްވުމުގެ މަގުސަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞަލާހު ވިދާޅުވީ، "މިގޮތަށް އާންމު އިންތިޚާބަކާ އެކުގައި ރިފަރެންޑަމެއް ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިކުރުވައި، ގައުމީ މުހިންމު ނިންމުމެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްގޮތް ކަށަވަރުކުރުން،" ކަމަށެވެ. މީގެ އިތުރުން ވަކިން ވޯޓެއް ނެގުމަށް ހިނގާނެ ބޮޑު ޚަރަދު މިކަމުގެ ސަބަބުން ކުޑަކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ، އާންމު އިންތިޚާބުތަކާ އެކު މިފަދަ ރިފަރެންޑަމްތައް ބޭއްވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލެއް ކަމަށެވެ. އެގޮތުން ދާދިފަހުން ބަންގްލަދޭޝްގައި ބޭއްވި މަޖިލިސް އިންތިޚާބާއި، މިދިޔަ މަހު ތައިލެންޑުގައި ބޭއްވި އިންތިޚާބާއެކުވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތައް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނިންމުމާއެކު، ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. މި އިންތިޚާބަކީ ގައުމީ ފެންވަރުގައި މުހިންމު ނިންމުންތަކެއް ނިންމުމަށް ރައްޔިތުންނަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.

މިއަދު އޮންލައިން