ރާއްޖޭގެ 9 ރަށެއްގައި އަންހެނުންނަށް ޚާއްސަ ޑޮކްޓަރުން ނުވަތަ ގައިނަކޮލޮޖިސްޓުންގެ ޚިދުމަތް މުޅިން އަލަށް ދޭން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ޚިދުމަތްތަކެކެވެ.
ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ޚާއްސަ އިސްކަމެއް ދީގެން ވަނީ ޚިދުމަތްތައް ފުޅާކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުން ލިބޭ ކޮންމެ ޞިއްޙީ ޚިދުމަތެއް އަތޮޅުތަކުންވެސް ލިބޭނެ މަގު ފަހިކޮށްދީ، އަމިއްލަ ރަށުގައި ނުވަތަ އެންމެ ކައިރި ހޮސްޕިޓަލަކުން ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް އަލަށް ފެށި 9 ރަށަކީ: ށ. މިލަންދޫ، ށ. ކަނޑިތީމު، ށ. ކޮމަންޑޫ، އދ. މާމިގިލި، ނ. ވެލިދޫ، ތ. ތިމަރަފުށި، ތ. ވިލުފުށި، ބ. ތުޅާދޫ އަދި ރ. މީދޫ ޞިއްޙީ މަރުކަޒެވެ.
މީގެ އިތުރުން، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ނުވަތަ އިންޓަރނަލް މެޑިސިންގެ ޚިދުމަތްވެސް ފާއިތުވި ދެ އަހަރު ތެރޭގައި ވަނީ 6 ރަށެއްގައި މުޅިން އަލަށް ފަށާފައެވެ. އެ ރަށްތަކުގެ ތެރޭގައި ށ. ފޯކައިދޫ، ނ. ވެލިދޫ، ނ. ހޮޅުދޫ، ރ. މީދޫ، ބ. ދަރަވަންދޫ އަދި އާމިނާދިއޯ ޞިއްޙީ މަރުކަޒު ހިމެނެއެވެ.
މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެއް ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. މި ބަދަލާއެކު އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަ ބަލިތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.