ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް މިއަހަރުވެސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިއީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު އަލުން ފެށި މި ޕްރޮގްރާމްގެ ދަށުން ދެވޭ ފުރުޞަތުތަކެކެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މިއަހަރުގެ ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޒަކާތު ޤާނޫނާއެކު ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މިފަދަ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒަކާތު ފަންޑުން ތަޢުލީމީ ދާއިރާއަށް ޚަރަދުކުރުމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޢިލްމު ފުޅާކުރުމެވެ. ނަމަވެސް، އިސްލާމީ ދާއިރާތަކުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު އެހެނިހެން ދާއިރާތަކުން ކިޔެވުމަށްވެސް މި ފަންޑުން ޚަރަދުކުރާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިމްތިޠާއު ވިދާޅުވީ، "ވަރަށް ބޮޑެތި ޓްރާންސްފޮމޭޝަނަލް ހަރަކާތްތަކެއް މިހާރު މިދަނީ ކުރިއަށް ގެންދަމުން. ޤަވާއިދުތަކާއި އުޞޫލްތައް އެކުލަވާލުމާއި ފަންޑުގެ މުހިއްމު މަސައްކަތްތަކެއް ކުރިއަށްގެންދަމުން. މިކަންކަން ނިމުމާއެކު ދެމެހެއްޓެނިވި ގޮތަކަށް ޒަކާތުގެ ފައިސާ ޚަރަދުކުރެވޭތޯ މަސައްކަތް ކުރާނެ."
2018 ވަނަ އަހަރަށްފަހު މެދުކެނޑިފައި އޮތް މި ސްކޮލަރޝިޕް މިދިޔަ އަހަރު އަލުން ހުޅުވާލިއިރު، ޖުމްލަ 50 ފުރުޞަތު ދީފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ކިޔެވުމަށް 20 ފުރުޞަތު ހިމެނޭއިރު، ބާކީ 30 ފުރުޞަތު ހާއްސަކުރީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށެވެ.
މިދިޔަ އަހަރު ރާއްޖެއިން ބޭރުން ކިޔެވުމަށް ފުރުޞަތު ދީފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކްގެ ޤައުމުތައް ހިމެނެއެވެ. މިއަހަރުގެ ސްކޮލަރޝިޕްތަކުގެ ތަފްޞީލުތައް ކުރިއަށް އޮތް މަހު އިޢުލާން ކުރާނެ ކަމަށް ބެލެވެއެވެ.