އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދިނުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދިނުން: ވަޒީރު


އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން "ލިންކްޑްއިން"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފަސް ބިމެއްގައި ޖުމްލަ 1,000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންމެ ބިމެއްގައި އިމާރާތްކުރާ 200 ހައުސިންގ ޔުނިޓެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތަންތަނުގެ ތެރެއިން 70 އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކަމަށް ސަރުކާރުން ހާމަކުރެއެވެ. މި މުޅި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ދެ މޮޑެލްއެއްގެ މައްޗަށް ކަމަށެވެ. އެއީ ލޯނު ނަގައިގެން ސޯޝަލް ހައުސިންގ އިމާރާތްކުރުމާއި، އެޗްޑީސީ މެދުވެރިކޮށް ރިއަލް އެސްޓޭޓް އުސޫލުން ހިންގާ މަޝްރޫޢުތަކެވެ. މީގެ ތެރެއިން ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގައި ވަކި އަދަދެއްގެ ޔުނިޓްތައް ވިއްކާފައިވަނީ ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައެވެ.

ނަމަވެސް ކުރީގެ މޮޑެލްތަކުން ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތައް ކުރިނަމަވެސް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މޮޑެލްގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ނުވަތަ ފަސްޓް-ޓައިމް ހޯމްބަޔާސްއަށް މާބޮޑު އިސްކަމެއް ދެވިފައެއް ނުވޭ." އޭގެ ނަތީޖާއެއްގެ ގޮތުން، ކޮންޓްރޯލް އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއް ގަނެފައިވަނީ، އަލަށް ގެދޮރު ބޭނުންވާ އާއިލާތަކުގެ ބަދަލުގައި، އިންވެސްޓްމަންޓެއްގެ ގޮތުން ނުވަތަ ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ބޭނުމުގައި މުދާ ގަންނަ ފަރާތްތަކުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އައު މަޝްރޫޢުގެ އަމާޒަކީ މި މައްސަލައަށް ހައްލެއް ހޯދައި، ހަގީގަތުގައިވެސް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. ސަރުކާރުން މިހާރު ދަނީ މި މަޝްރޫޢު ކުރިއަށް ގެންދާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން