ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްގެތެރޭ ނިންމާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްގެތެރޭ ނިންމާލަނީ

ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސައްކަތަށް ބޭނުންވާ ޑްރެޖަރު ގެންގޮސް، އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މިހާތަނަށް 79 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއާއެކު މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 98 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

މި މަޝްރޫޢުގައި ބޭނުންކުރަމުންދަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިއްޕޯ ބްރޫނެލްޝީ" ނަމަކަށް ކިޔާ ޑްރެޖަރެކެވެ. އެމްއޭސީއެލްއިން ވިދާޅުވީ ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ވިލުފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެއަރޕޯޓް ތަރައްޤީކުރުމުގެ ދެން ހުރި މަރުޙަލާތައް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން