ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވުމަށްޓަކައި، ކ. މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މާފުށީ ޖަލުގައި އަލަށް ބެހެއްޓި މި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މި ބޮޑީ ސްކޭނަރަކީ ޖަލުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ވަސީލަތެކެވެ. މިއީ މާފުށީ ޖަލުގައި މިފަދަ ބޮޑީ ސްކޭނަރެއް ބެހެއްޓުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް، ކަރެކްޝަނުން ބުނީ މި މެޝިނަކީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދިން މެޝިނެއް ކަމަށެވެ.
ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައިގެން ކުށްކުރަމުންދާ ދިއުން ހުއްޓުވުމަށްޓަކައި، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މާފުށީ ޖަލަށް ގެންދެވިފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ނިންމުމަކީ ޖަލުތަކުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތަކާއި، ހާއްސަކޮށް ސްކޭމް ކޯލުތައް ފަދަ ކަންކަން މުލުން ބުރިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލަށް ވަދެ ނިކުމެވާ މީހުންނާއި ތަކެތި ޗެކްކުރުމުގައި މިހާރަށްވުރެ ބޮޑަށް ފަސޭހަވެ، ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅޭ މަނާތަކެތި ދެނެގަތުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އުންމީދު ކުރެއެވެ.