މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.

ހާރިޖީ ވުޒާރާއިން ބުނީ މިއަދު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ހަމަލާތައް އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ވީހާވެސް މަދުން މަގުމައްޗަށް ނުކުތުމަށާއި، އެ ގައުމެއްގެ ސަރުކާރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުންނާއި އެ ސަރަހައްދުގައި ހުރި ދިވެހި އެމްބަސީތަކުން ވަރަށް ކައިރިން ބަލަމުންދާ ކަމަށް ހާރިޖިއްޔާއިން ބުނެއެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް އެމްބަސީތަކުން ތައްޔާރަށް ތިބިކަން ފާހަގަކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.

މެދުއިރުމަތީގައި ހުންނަ ދިވެހި އެމްބަސީތަކާއި ހާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރުތަކަކީ:

ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97451777896+

ޔޫ.އޭ.އީގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97126740200+

ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 966506894477+

ހާރިޖީ ވުޒާރާގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)

މީގެ އިތުރުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަސްރަހު ގޯސްވެފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، ރައްދުގައި އީރާނުން ގަތަރާއި، ކުވައިތާއި، ޔޫއޭއީ އަދި ބަހުރައިނުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ފެށުމުންނެވެ. މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އަދި ކުވައިތުން މިހާރު ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

މިއަދު އޮންލައިން