ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު ހޯދުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު ހޯދުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓުން ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއޭސީއެލްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިޔުމުގެ ކުރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން، ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ދަތުރުވެރިންގެ ފަސޭހައަކަށް އެމްއޭސީއެލްއިން ވަނީ ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ދަތުރުކުރާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ފްލައިޓްތަކުގެ ތަފްސީލު ހޯދުން ހިމެނެއެވެ.

މީގެ އިތުރުން، އެއާލައިންތަކާއި ޓުއަރ އޮޕަރޭޓަރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، މި ދަނޑިވަޅުގައި ދުރާލާ ދަތުރުގެ ކަންކަން ރޭވުމަށްވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓް ކުރާ ފްލައިޓުތަކުގެ އެންމެފަހުގެ މައުލޫމާތު fis.com.mv އިން ލިބޭނެ ކަމަށްވެސް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ. މި ފިޔަވަޅުތަކަކީ މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅިފައިވާ ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން