އެއާޕޯޓުގައި ތާށިވެފައި ތިބި 1،400 އެއްހައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެއާޕޯޓުގައި ތާށިވެފައި ތިބި 1،400 އެއްހައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން: ވަޒީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތާށިވެފައި ތިބި 1،400 އެއްހައި ފަތުރުވެރިންގެ ހާލު ބައްލަވައިލެއްވުމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް މިއަދު އެއާޕޯޓަށް ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރުގެ މި ޒިޔާރަތުގައި އެ ފަތުރުވެރިންނަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ހަމަޖައްސަމުންދާ އިންތިޒާމުތައް ވަނީ ގާތުން ބައްލަވައިލައްވާފައެވެ.

މި ހާލަތު މެދުވެރިވީ މިއަދު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން، އީރާނުން ރައްދުގައި ހަ އަރަބި ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ކުވައިތާއި، ޔޫއޭއީ އަދި ގަތަރުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށް، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފުލައިޓުތަކަށް އައި މި ބަދަލުތަކާ ގުޅިގެން ވީއައިއޭގައި 1،400 އެއްހައި ފަތުރުވެރިން މިވަގުތު ތިބީ އެހީތެރިކަމަށް ބޭނުންވެފައެވެ. މިނިސްޓްރީން ބުނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް ބޭނުންވާ ތިބުމާއި އެކޮމަޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފެސިލިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. "އެ ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅުންހުރި ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުން،" މިނިސްޓްރީން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު، ރާއްޖެއިން ފުރަން ގޮސް ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް މިކަމުގެ އަސަރު ވަނީ ކޮށްފައެވެ. ސަރުކާރުން ދަނީ މި ހާލަތުގައި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން