މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

އީރާނަށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ނުހަނު ބޮޑަށް ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލައި، ނުތަނަވަސްކަން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން މިއަދު ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހާލަތު ނިއުޅެމުންދާ ގޮތާއި، ދުވަހުން ދުވަހަށް ނުތަނަވަސްކަން އިތުރުވަމުންދާ ދިއުން ދިވެހި ސަރުކާރުން އަންނަނީ ނުހަނު ބޮޑު ކަންބޮޑުވުމާއެކު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.

ހާރިޖީ ވުޒާރާގެ ބަޔާނުގައި، އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް މަސްލަހަތު އިސްކޮށް، ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅާފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ސަލާމަތާއި ހަމަޖެހުން އަލުން އިއާދަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރުން އިތުރަށް ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، އދ.ގެ ޗާޓަރުން ލާޒިމުކުރާ ކަންކަން ހުރިހާ ގައުމުތަކުންވެސް ތަންފީޒުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ގައުމުތަކުގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމުކުރުމުގެ މުހިއްމުކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހަމަޖެއްސުމަށް ޒަމާނުއްސުރެ ރާއްޖެއިން އިލްތިޒާމުވެފައި އޮތް އޮތުން މި ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ. އަދި ސަރަހައްދީ އަދި ދުނިޔޭގެ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މިއަދު އޮންލައިން