މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންނަށް ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރަކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ މިނިސްޓްރީއާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ބޮޑަށް މޮނިޓަރކޮށް ބަލަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ވުޒާރާއިން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.